މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދައާ ނުލައި، ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަމުންދާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި، އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން މިއަދު އެދިއްޖެއެވެ.
ފުލުހުން ބުނީ، މަނީ އެކްސްޗޭންޖް ވިޔަފާރި ކުރުމުގެ ލައިސަންސް ނެތި ވިޔަފާރި އުސޫލުން ޑޮލަރާއި އެހެނިހެން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ޓާސްކްފޯހެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
މި ޓާސްކްފޯހަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި 9388733 ނަންބަރު ވަނީ ޚާއްސަކޮށްފައެވެ. އެގޮތުން އާދައިގެ އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް އެ ނަންބަރަށް މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަތަކާ ގުޅިގެން މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތާއި ވަނަވަރު ފުރިހަމައަށް ސިއްރުކޮށް، ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން އެ މައްސަލަތަކުގެ އެއްވެސް ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.
ގާނޫނާ ޚިލާފަށް ހިންގާ މިފަދަ މާލީ މުއާމަލާތްތައް ހުއްޓުވުމަކީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށާއި ކުށް މަދުކުރުމަށް މުހިންމު ކަމަކަށްވާތީ، އާންމު ރައްޔިތުންގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން އުންމީދުކުރެއެވެ.