ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާކަމަށް ބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދެވެ. ޒީވާއަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 3 ގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގައެވެ. މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، އެ ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ.
އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ކޮންޓްރޯލުން ނެއްޓިގެން މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފައެވެ. އަދި ހަމަ އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު ޒީވާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ ކާރު އޭނާގެ ގައިމައްޗަށް އަރާފައިވާ ކަމަށް ތަހުގީގަށް ވަނީ ބެލެވިފައެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ދަނީ ފޮރެންސިކް ތަހުލީލުތައް ކުރަމުންނެވެ.
މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 18 އަހަރުގެ އަންހެނެކެވެ. އަދި ނިޔާވި ޒީވާ އިނީ އެ ސައިކަލުގެ ފަހަތުގައެވެ.
އެކްސިޑެންޓުގައި ޒީވާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އެންމެ ފުރަތަމަ އޭނާއަށް ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް ޒީވާ މަރުވީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. ޒީވާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު (ދެ ކާރާއި ސައިކަލު) ޓޯވކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ހިފަހައްޓާފައެވެ. ޓޯވ ކުރި ދެ ކާރުގެ ތެރޭގައި ހުދު ކުލައާއި ރީނދޫ ކުލައިގެ ކާރެއް ހިމެނެއެވެ.
މީގެއިތުރުން، މަގުމަތީގައި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރަކީ މީގެކުރިންވެސް ލައިސަންސް ހިފަހައްޓާފައިވާ މީހަކަށް ވާތީ، ޤަވާއިދާ ޚިލާފަށް ވެހިކަލް ދުއްވި މައްސަލައިގައި އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.