MTCC

ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރަށް ބިން ނެގޭ ބިލް ތަސްދީގުކުރައްވައިފި 

471293_3f4487ba-d_

ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރަށް ބިން ނެގޭ ބިލް ތަސްދީގުކުރައްވައިފި 

SHARE

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށްޓަކައި ރަށު އަދި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ މި ހިނގާ މަހުގެ 10 ވަނަ ދުވަހު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މަޖިލީހުން މި ބިލު ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިދިކޮޅު އެމްޑީޕީގެ 11 މެންބަރަކު ވަނީ މި ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ބިލު ފުރަތަމަ ހުށަހެޅިއިރު، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ މަޝްވަރާއެއް ނެތި ބިން ނެގޭ ގޮތަށް އޮތުމުން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ބިލާ އެއްކޮޅަށާއި ދެކޮޅަށް މަޖިލީހަށް ޕެޓިޝަންތަކެއް ވެސް ހުށަހެޅުނެވެ. ނަމަވެސް، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ކައުންސިލްތަކާއި އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން މުހިންމު އިސްލާހުތަކެއް ބިލަށް ގެނެސްފައެވެ.

އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހާ އެކު ފާސްކުރި ގޮތުގައި، ދައުލަތަށް ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން ގާނޫނީ ހަމަތަކުގެ މަތިން އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ދޭންޖެހޭނެއެވެ.

އަލަށް ތަސްދީގުކުރެވުނު ގާނޫނުގައިވާ ގޮތުން، ތަރައްގީގެ މަޝްރޫއަކަށް ކައުންސިލެއްގެ އިހްތިސާސްގައިވާ ބިމެއް ނެގުމަށް ނިންމާނީ ވަޒީރުންގެ މަޖިލީހުންނެވެ. އަދި އެ ނިންމުން ސަރުކާރުގެ ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު، އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ. މީގެއިތުރުން، ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ތަރައްގީގެ މަޝްރޫއަކަށް ބިމެއް ބޭނުންވެއްޖެނަމަ، ކައުންސިލުން އެ ބިން ސަރުކާރާ ހަވާލުކުރަން ލާޒިމުވެއެވެ.

ނަމަވެސް، މިގޮތަށް ބިން ވަކިކުރުމުގެ ކުރިން ސަރުކާރުން ފުރިހަމަކުރަންޖެހޭ މުހިންމު އިޖުރާއަތްތަކެއް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެއީ:

  • ވަކިކުރަން ގަސްތުކުރާ ބިމާއި، އެތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މައުލޫމާތު އާންމުކުރުން.
  • އެ މަޝްރޫއަކާ ގުޅިގެން ހިޔާލާއި ޝަކުވާ ހުށަހެޅުމަށް ކައުންސިލަށް މަދުވެގެން 14 ދުވަހުގެ ފުރުސަތެއް ދިނުން.
  • އާންމު ރައްޔިތުންނަށް ވެސް ހިޔާލާއި ޝަކުވާ ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިނުން.
  • ލިބޭ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މަޝްރޫއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

މީގެ އިތުރުން، ކައުންސިލަރުންގެ ސުލޫކީ މިންގަނޑަށް ވެސް މި ގާނޫނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، މަގުބޫލު އެއްވެސް ސަބަބެއް ނެތި އެފަދަ މަޝްރޫއުތަކަށް ހުރަސްއެޅުމާއި، މަޝްރޫއު ހުއްޓޭ ފަދަ އެއްވެސް ނިންމުމެއް ނިންމުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއް ކަމުގައި މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.