މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ބޭނި މަހަށް 2.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ ސިޔާސަތުތަކެއް އެކުލަވާލައްވައި، ހާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ދޫނުކޮށް އޮތް 250 މިލިއަން ރުފިޔާގެ ބެކްލޮގް ހިމެނޭހެން، މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު މިދިޔަ އޮގަސްޓުމަހު 27 ވަނަ ދުވަހުގެ ނިޔަލަށް 2.2 ބިިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރުން ވެގެން ދިޔައީ މި ސަރުކާރަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ރައީސް ވަރަށް އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސްވެރިންނަށް ދައްކަން އޮތް ފައިސާ ދެއްކުމަށްފަހު 48 ގަޑިއިރު ތެރޭގައި މަސްވެރިންގެ ޕޭމަންޓު ދައްކަވަމުންދަނީ. 27 އޮގަސްޓު 2026ގެ ނިޔަލަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ." ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގިނަ ގޮންޖެހުންތަކަކަށް ފަހު މިހާރު މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ގަވާއިދުން ފައިސާ ދޫކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލައި މަހުގެ އަގު މުރާޖައާ ކުރި ނަމަވެސް، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދެން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.
"ޑިސެމްބަރު މަހު ރައީސް ވިދާޅުވީ 16ރ. އަށް ވުރެ ދަށް ނުވާނެ ގޮތަށް މަހުގެ އަގު ހިފަހައްޓަވާނެ ކަމަށް. އޭގެ ފަހުން އަޅުގަނޑުމެންނަށް މި 20ރ. އަށް ކަނޑައެޅުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް. މިހާރު ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ޔަގީނުން ވެސް 20ރ. އަށް ވުރެ ދަށް ނުވާނެ އަގެއްގައި މަސް ގަންނަމުން އެދަނީ،" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، މ އަދި ލ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މިހާރު އެސްޓީއޯ ރޭޓުގައި މަސްވެރި އުޅަނދުތަކަށާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާކީ އޮތް ދެ އަތޮޅުގައި ވެސް އެސްޓީއޯގެ ޝެޑް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މަސް ރައްކާކުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހަތް އަތޮޅެއްގައި 11،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އަންނަ ޑިސެމްބަރު މަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ.