MTCC

ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހާއްސަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލަނީ

471356_8b93dc89-4_

ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހާއްސަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލަނީ

SHARE

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ޤުދުރަތީ މުއްސަނދިކަން ދެނެގަނެ، އޭގެ ފުރިހަމަ އިޤްތިސާދީ މަންފާ ޤައުމަށް ހޯދުމަށްޓަކައި، ކަނޑުގެ އަޑީގައިވާ ތެލާއި، ގޭހާއި، މައުދަނުގެ އިތުރުން ދިރުންނެތް އެހެނިހެން ވަސީލަތްތައް ހޯދައި ނެގުމާ ބެހޭ ހާއްސަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ނިންމެވީ، މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް އެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެންނެވެ. މި ނިންމެވުމާ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހުރި ދިރުންނެތް ޤުދުރަތީ މުއްސަނދިކަން ހޯދައި ނެގުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީއާއި ދަޢުލަތުގެ ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ޢަމަލީ ތައްޔާރީތައް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ސިނާޢަތް ހަރުދަނާ އުސޫލުތަކެއްގެ މަތިން ތަރައްޤީކޮށް ހިންގުމަށްޓަކައި ހާއްސަ ބިލެއް ފަރުމާކުރުމަށްވެސް ކެބިނެޓުން ވަނީ ނިންމަވާފައެވެ. މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނުމަށް ހަމަޖެހިފައިވަނީ:

  • ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދުމަށާއި ނެގުމަށް ހުއްދަ ދޫކުރުމުގެ އުސޫލުތައް.
  • ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމާ ގުޅޭ ހަމަތައް.
  • މި ދާއިރާގެ އެންމެހައި ހަރަކާތްތައް ޤާނޫނީ ހަމަތަކުގެ މަތިން ވިލަރެސްކޮށް ބެލެހެއްޓުމުގެ ނިޒާމު.

ސަރުކާރުން މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ، ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް، ކަނޑުގެ ވަސީލަތްތަކުން ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.