ރާއްޖޭގެ މާލީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގަމުން ދިޔަ ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ހާމަކުރި ގޮތުގައި، މި މީހުން ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 54 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަދި އެއް މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އެކައުންޓްތައް މެދުވެރިކޮށް ދައުރުކޮށްފައެވެ.
ފުލުހުންގެ ތަހުގީގުން ދައްކާ ގޮތުގައި މި ހަ މީހުންގެ އެކައުންޓްތަކުން ޖުމްލަ 54،429،550 ދިވެހި ރުފިޔާ އާއި، 1،627،811 އެމެރިކާ ޑޮލަރުގެ މުއާމަލާތް ކޮށްފައިވެއެވެ. މިއީ އެ މީހުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން ކޮށްފައިވާ މުއާމަލާތްތަކެކެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަކީ:
- މުހައްމަދު ރާހޫލް އަމީން (ބަންގްލަދޭޝް) – އެކައުންޓަންޓެއްގެ ވަޒީފާގައި އުޅޭ މީހެއް
- މަސޫދު މިއާ (ބަންގްލަދޭޝް) – ވެއިޓަރެއްގެ ވަޒީފާގައި އުޅޭ މީހެއް
- އެމްޑީ ފަރީދުއްދީން (ބަންގްލަދޭޝް) – ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ މީހެއް
- ދުލްކަރްނާއީ އިމްރާންހާން (އިންޑިއާ) – އިންޖިނިއަރެއްގެ ވަޒީފާގައި އުޅޭ މީހެއް
- މުހައްމަދު އަސަތު ކަލަންޑަރް ހުސެއިން (އިންޑިއާ) – ސޭލްސްމަނެއްގެ ވަޒީފާގައި އުޅޭ މީހެއް
- މުހައްމަދު މަހަމުދުރް ހަސަން (ބަންގްލަދޭޝް) – ކްލީނަރެއްގެ ވަޒީފާގައި އުޅޭ މީހެއް
ގާނޫނާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހުގެ ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި، ދިވެހިންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި ވިޔަފާރިތައް ވެސް މިފަދަ ބިދޭސީން ބޭނުންކުރަމުންދެއެވެ. އަދި ގާނޫނާ ހިލާފު ފައިސާ ދައުރުކުރުމަށް ދިވެހިންގެ އެކައުންޓްތައް ބިދޭސީންނަށް ދޫކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެހެން ފަރާތްތަކުގެ ޣައިރު ގާނޫނީ އަމަލުތަކަށް މަގުފަހިވާ ގޮތަށް އަމިއްލަ ބޭންކު އެކައުންޓް ބޭނުންކުރަން ދިނުމަކީ ކުށުގައި ބައިވެރިވުން ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެއްވެސް ފަރާތަކުން އެކައުންޓް ދޫނުކުރުމަށް އިލްތިމާސްކޮށް، މިފަދަ ކަންކަން ހުއްޓުވުމަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަނުން އިތުރުކުރުމަށާއި ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން މިހާރު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްކޮށްފައިވާއިރު، އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަށް އިޝްތިހާރުކުރުމާއި ކަޅުބާޒާރުގެ ރޭޓުތައް ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުގައި އާންމުކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅިފައިވާ ކުށެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.