ސަރުކާރުން ބިލުތައް އެކުލަވާލައި، މަޖިލީހުން ފާސްކޮށް، ތަސްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މުހިންމު 7 ބިލެއް ތަސްދީޤުކުރެއްވުމަށްޓަކައި، ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ބިލުތައް ތަސްދީޤުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، މިއިން ކޮންމެ ބިލަކީވެސް ދިވެހި ރައްޔިތުންނަށާއި އިޤުތިސާދަށް ނުހަނު ފައިދާކުރާނޭ ބިލުތަކެއް ކަމަށެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު މިހާރުވެސް ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ބޭންކުތަކުން ބޭރުފައިސާ މާރުކުރަން ޖެހުމަކީ ރިޒޯޓުތަކުގެ އޮޕަރޭޝަނަށް ނުވަތަ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫންކަން ދިރާސާތަކުން ދައްކާ ކަމަށާއި، މިއީ ބަހަނާއެއް ކަމުގައި ދައްކައިގެން މުވައްޒަފުންގެ މުސާރައަށް އުނިކަމެއް ގެނެސްގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަންޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ." ރައީސް ވިދާޅުވިއެވެ.
ޓެކުހާ ގުޅޭ ޤާނޫނުތަކަށް ގެނެވުނު އިސްލާޙުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޖީއެސްޓީ ޤާނޫނަށް ގެނައި ބަދަލާއެކު ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރަފުވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ކޮންޓްރެކްޓްތަކަށް ވާދަކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާޙާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކްސް ފައިލްކުރުމުގައި ލުއިތަކެއް ލިބުމުގެ އިތުރުން، މީރާގެ ތަންފީޒީ ބާރު އަލުން އެ އޮތޯރިޓީއަށް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ޤާނޫނަކީ ރާއްޖޭގެ އިޤުތިސާދު ސިންދަފާތު (ޑައިވަރސިފައި) ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ސަބަބުން އެކިއެކި އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ޔަޤީންކުރަނީ، މިއީ ހުޅުވިގެންދާ ވަރަށް ބޮޑު އިޤްތިސާދީ ދޮރެއް ކަމަށް. މި ޤާނޫނުގެ ސަބަބުން އިރާދަކުރެއްވިއްޔާ، ރާއްޖެއަށް އެކި ދާއިރާތަކުން، ފަޅުތަކަށް، ފަޅު ރަށްރަށަށް އިންވެސްޓް ކުރާނެ ފަރާތްތައް އަންނާނެ ކަމަށް." ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު އިސްލާހާއެކު، ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްޤީކުރުމާއި އެކުއަކަލްޗަރ ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު ވަރުގަދަކުރެވި، ޚާއްސަކޮށް މާލޭ ސަރަޙައްދުގެ ޓްރެފިކް އަދި ޕާކިންގގެ މައްސަލަތައް އެއް ފުރާޅެއްގެ ދަށުން ހައްލުކުރުމަށް ޚާއްސަ އޮފީހެއް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ޤާނޫނީ އިސްލާޙުތައް ގެނައުމުގެ މައިގަނޑު މަޤުސަދަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ޤާނޫނީ ނިޒާމު ޒަމާނާ އެއްގޮތަށް ބައްޓަންކުރުން ކަމަށެވެ. އަދި އަދުލުއިންސާފު ޤާއިމުކުރުމުގައްޔާއި ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.