ދިވެހިރާއްޖޭގައި ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، އިންޖިނިއަރިންގ ދާއިރާއިން މީހުން ބިނާކުރުމުގެ މަގްސަދުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޚާއްސަ ދެ ސްކޮލަޝިޕެއް ތައާރަފުކޮށްފިއެވެ.
މިކަމަށްޓަކައި އެސްޓީއޯއިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލަޝިޕްތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ އާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
އެސްޓީއޯއިން އަލަށް ހުޅުވާލި ދެ ފުރުސަތަކީ ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒް ވުމަށާއި، އެލެވޭޓަރ (ލިފްޓު) އިންސްޓޯލް ކުރުމުގެ ދާއިރާއިން ޚާއްސަވުމަށް ދެވޭ ދެ ސްކޮލަޝިޕެވެ.
މީގެ ތެރެއިން ކޮންކްރީޓް ޓެކްނޮލޮޖީގެ ސްކޮލަޝިޕަކީ އިންޖިނިއަރިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އަންޑަރގްރެޖުއޭޓް) ހާސިލުކޮށްފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދެވޭ ފުރުސަތެކެވެ. މިއީ ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީއަކުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމެކެވެ.
ދެވަނަ ފުރުސަތަކީ ދުނިޔޭގެ މަޝްހޫރު ލިފްޓު ބްރޭންޑެއް ކަމަށްވާ "ކޯނޭ" އެކަޑަމީއާ ގުޅިގެން ތައާރަފުކުރި އެލެވޭޓަރ އިންސްޓޯލޭޝަން ސްކޮލަޝިޕެވެ. ރާއްޖޭގައި ކޯނޭ ބްރޭންޑްގެ އުފެއްދުންތައް ރަސްމީކޮށް ޑިސްޓްރިބިއުޓްކުރާ ކުންފުންޏަކީ އެސްޓީއޯ ކަމަށްވާއިރު، މި ސްކޮލަޝިޕްގެ މައިގަނޑު ބޭނުމަކީ ލިފްޓު އިންސްޓޯލްކުރުމާއި މަރާމާތު ކުރުމުގެ ފަންނީ ދާއިރާގައި ދިވެހި ޒުވާނުން އިތުރުކޮށް، ގާބިލު ފަންނުވެރިން ބިނާކުރުމެވެ.
މި ސްކޮލަޝިޕްތަކަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާއި އިންޖިނިއަރިންގ ދާއިރާއަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ގައުމުގައި އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.