ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ "ސިނަމާލެ ބްރިޖު" ހުޅުވިތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު "ޗައިނާ-މޯލްޑިވްސް އެވަލާސްޓިންގ ފްރެންޑްޝިޕް ޕާކަށް" ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް މި ސަރަޙައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި، ބްރިޖު ހުޅުވި ދުވަހުގެ ހަނދާންތައް ދައްކުވައިދޭ ފޮޓޯ މައުރަޒު ބައްލަވާލައްވައި، ބްރިޖު ސަރަޙައްދު ބައްލަވާލައްވާފައެވެ.
މި މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ އިތުރުން އުންމީދުތައް ރަމްޒުކޮށްދޭ ދެމެހެއްޓެނިވި ބިނާއެއް ކަމަށެވެ. އަދި މި ބްރިޖުގެ ސަބަބުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅި، ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން މި މަޝްރޫޢު ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް މިހާރުގެ ރައީސް ޑރ. މުޢިއްޒެވެ. ތާވަލުކުރެވުނު ތާރީޚަށް ވުރެ ދެ މަސްދުވަސް ކުރިން، ކަނޑައެޅުނު ބަޖެޓުގެ ތެރެއިން ފެންވަރު ރަނގަޅުކޮށް ނިންމާލެވުނު މި ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 30 އޮގަސްޓް 2018 ގައެވެ.
ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބިނާކުރި، ދިގުމިނުގައި 1.4 ކިލޯމީޓަރު ހުންނަ މި ބްރިޖުގެ މަސައްކަތަށް ޗައިނާ ސަރުކާރުން 116 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 72 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައިވެއެވެ. އަދި ދިވެހި ދައުލަތުގެ ބަޖެޓުން މި މަޝްރޫޢަށް 12 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ މާލެ ސަރަޙައްދުގެ ދަތުރުފަތުރާއި އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވި ތާރީޚީ ބިނާއެކެވެ.