MTCC

އިންޖިނިއަރިން ދާއިރާގައި ލެބޯޓަރީއެއް ގާއިމުކުރަނީ

Screenshot 2026-08-30 123139

އިންޖިނިއަރިން ދާއިރާގައި ލެބޯޓަރީއެއް ގާއިމުކުރަނީ

SHARE

އިންޖިނިއަރިންގެ ދާއިރާއިން އެކިއެކި ތަހުލީލުތަކާއި ދިރާސާތައް ކުރެވޭނެ އެންމެ ޒަމާނީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޖިނިއަރިން ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރަނީ ވަރަށް ބުރަ އަދި އަގުވަޒަންކުރަންޖެހޭ މުހިންމު ދައުރެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް ބޭނުންވާ ފަންނީ ދިވެހިން އުފެއްދުމަށްޓަކައި، މި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ޒުވާނުން އިތުރުވުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް އަދި ސޮފްޓްވެއާ އިންޖިނިއަރިންގެ އިތުރުން، އެއާކްރާފްޓް އިންޖިނިއަރިން، ރޮބޮޓިކްސް، އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ އެކި ދާއިރާތަކުން ރިސާޗާއި އެކްސްޕެރިމެންޓްތައް ހެދޭނެ ފުރިހަމަ ވަސީލަތްތަކާއެކު ހާއްސަ އިމާރާތެއް ބިނާކުރުމެވެ. މި ފެސިލިޓީގެ ސަބަބުން ދިވެހި ދަރިވަރުންގެ އިތުރުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ރާއްޖޭގައި ތަހުލީލުތައް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލްތައް ކުރެވޭ، އެކި ކަހަލަ ރީސާޗްތައް ކުރެވޭ ސްޓޭޓް އޮފް ދަ އާޓް އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އިންޖިނިއަރިންގެ ދާއިރާތަކުން ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް ދިވެހިން އިތުރުކުރަން ޖެހޭ. އެހެންކަމުން އެދެނީ އިންޖިނިއަރިންގެ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރާ ކުދިން އިތުރުވެގެން ދިއުން." ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމެންޓްތައް ހޯދުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން، ދެމެހެއްޓެނެވި އުސޫލަކުން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ މިއީ އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެ ތަރައްގީގެ އައު އުސްމިންތަކަކަށް ވާސިލުކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.