MTCC

ވެހިކަލް ފީތައް ހާއްސަ ފަންޑަކަށް ޖަމާވާގޮތަށް ބިލު ފާސްކޮށްފި

images (1)

ވެހިކަލް ފީތައް ހާއްސަ ފަންޑަކަށް ޖަމާވާގޮތަށް ބިލު ފާސްކޮށްފި

SHARE

އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ސަރުކާރުން ހުށަހެޅި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.

މި ބިލަށް އަމަލުކުރަން ފެށުމާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިނގާ ވަކި ހާއްސަ އިދާރާއެއްގެ ގޮތުގައި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެދިގެންދާނެއެވެ. މި އޮފީހުގެ އެންމެހައި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ދަތުރުފަތުރާ ބެހޭ ވަޒީރެވެ. އަދި މިހާރު މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެ އޮފީހުގެ އެންމެހައި ވަސީލަތްތަކާއި މުވައްޒަފުންނާއި ގާނޫނީ ޒިންމާތައް އަލަށް އުފެދޭ އިދާރާއަށް ބަދަލުވާނެއެވެ.

މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ބާރު މިނިސްޓްރީއަށް ވަނީ ދީފައެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، ދިރާސާތަކަށް ބިނާކޮށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލްގެ ލަފާގެ މަތިން މާލެ ސަރަހައްދަށް އެތެރެކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމާއި، ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުން ވެސް ވަނީ ލާޒިމުކޮށްފައެވެ.

މި ގާނޫނުގެ ދަށުން ވެހިކަލްތަކުގެ އަހަރީ ފީ މާލޭ ސިޓީ ކައުންސިލަށް ލިބެމުން އައި އައުމަށް ބަދަލު ގެނެސް، "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް" ގެ ނަމުގައި އާ ފަންޑެއް އުފެދޭނެއެވެ. މި ފަންޑު ބަލަހައްޓާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުންނެވެ. މި ފަންޑަށް ޖަމާވާނީ:

  • މާލެ ސަރަހައްދުން ލިބޭ ވެހިކަލް ރަޖިސްޓްރީ ފީ އާއި ލައިސަންސް ފީ.
  • ވެހިކަލްތަކުގެ އަހަރީ ފީ އާއި މަލްޓިޕަލް އޯނަޝިޕް ފީގެ ގޮތުގައި ލިބޭ ފައިސާ.
  • ގަވާއިދާ ހިލާފުވެގެން ކުރެވޭ އެންމެހައި ޖޫރިމަނާ ފައިސާ.
  • ދައުލަތުގެ ބަޖެޓުން މި ފަންޑަށް ކަނޑައަޅާ ފައިސާ.

މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މި ގާނޫނުގައި ވަނީ ހަރުކަށި އަދަބުތަކެއް ހިމަނައިފައެވެ. އެގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިފިނަމަ 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ޖިނާއީ ދައުވާ ވެސް އުފުލޭނެއެވެ.

މީގެއިތުރުން ކުޑަކުދިންނަށާއި، ލައިސަންސް ނެތް މީހުންނަށް ނުވަތަ ފަސިންޖަރުންގެ ސީޓުގައި އިންނަ މީހަކަށް ވެހިކަލްގެ ކޮންޓްރޯލް ދިނުމަކީ ވެސް ކުށެކެވެ. މި ކުށުގެ އަދަބެއްގެ ގޮތުން 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާއިރު، މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖޫރިމަނާ 100،000 ރުފިޔާއަށް ބޮޑުވެއެވެ. އަދި މީހަކު މަރުވެއްޖެނަމަ ޖިނާއީ ދައުވާ ކުރުމުގެ އިތުރުން ލައިސަންސް ވެސް ބާތިލުކުރެވޭނެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ 5،000 ރުފިޔާއަށް ވުރެ އިތުރުވާނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންދެން ފުލުހުންނަށް އުޅަނދު ބޫޓުކުރެވޭނެއެވެ. ބޫޓުކުރާތާ 72 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށަށް ވެހިކަލް ގެންދެވޭނެއެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދަކާ އެއް މަސް ދުވަސް ވަންދެން ވެރިފަރާތުން ހަވާލުނުވެއްޖެނަމަ، ސަރުކާރުގެ ގެޒެޓުގައްޔާއި ފުލުހުންގެ އިދާރާއިން އެކަން އާންމުކޮށް އިއުލާނުކުރުމަށްފަހު އިތުރު 30 ދުވަހުގެ މުހުލަތެއް ދެވޭނެއެވެ. އެ މުއްދަތުގައި ވެސް ވެރިފަރާތުން ހަވާލުނުވެއްޖެނަމަ، ނީލަމުގައި އެ އުޅަނދެއް ވިއްކާލުމުގެ ނުވަތަ ނައްތާލުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.