ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތު 21 ދުވަހަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އެޕްލިކޭޝަންތައް ޗެކްކުރުމުގެ ތެރޭގައި ފޮނުވާ ނޯޓިސްތަކުގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމަށް ފާހަގަކުރެވޭނަމަ، އެކަމުގެ ތަފްޞީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގްސަދުގައި މިހާރު އެ މުއްދަތު ވަނީ 21 ދުވަހަށް އިތުރުކޮށްދީފައެވެ.
މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް އެކަށީގެންވާ ޖަވާބެއް ނުވަތަ ލިޔެކިޔުމެއް ހުށަނާޅައިފިނަމަ، އެ ފޯމަކީ ޝަރުތު ހަމަނުވާ ނުވަތަ ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 58،505 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 ފޯމާއި، ބިމަށް އެދި ހުށަހަޅާފައިވާ 22،575 ފޯމެވެ.
މި ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގައި މިހާރު ވަނީ ޚާއްޞަ ހެލްޕް ޑެސްކަކާއި ކޯލް ސެންޓަރެއް ޤާއިމުކޮށްފައެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް 4004-900 ނަންބަރަށް ގުޅައިގެންނާއި ހެލްޕް ޑެސްކް މެދުވެރިކޮށް އެހީތެރިކަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.