ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް، ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި އިސްލާހަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މެންބަރު ހަންނާން މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އެއްވެސް ހުރަހެއްނެތި ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި، ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ ގޮތުން ކަށަވަރުކުރުމާއި ބިމާ ގުޅޭ އުސޫލުތައް ހަރުދަނާކުރުމެވެ.
ފާސްކުރެވުނު ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލެއްގެ ބާރުގެ ދަށުގައިވާ ބިމެއްގައި ދައުލަތުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހިނދެއްގައި، އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމުގެ އިހުތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި އެފަދަ ނިންމުމެއް ނިންމައި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެކަން ކައުންސިލަށް އަންގާ ހިސާބުން، އެ ބިމަކީ ސީދާ ދައުލަތުގެ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ.
މީގެއިތުރުން، ރަށްރަށާއި ސިޓީތަކުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްނުވި ނަމަވެސް، މަޝްރޫއަކަށް ބިމެއް ބޭނުންވެއްޖެނަމަ އެ ބިމެއް ކަމާބެހޭ ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށާއި، މަގުބޫލު އުޒުރެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ނުވަތަ ނިންމުމެއް ކައުންސިލްތަކުން ނިންމުމަކީ މަނާކަމެއް ކަމަށްވެސް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
މި ބިލު ކޮމިޓީ މަރުހަލާގައި ދިރާސާކުރިއިރު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ މުހިންމު އިސްލާހެއް ހުށަހަޅުއްވައި ފާސްކުރައްވާފައެވެ. އެ އިސްލާހުގައިވަނީ، ސަރުކާރުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އަމިއްލަ ފަރާތަކުން ގާނޫނީ ހަމަތަކުގެ މަތިން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ އެކަށީގެންވާ ބަދަލު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދޭންޖެހޭނެ ކަމަށެވެ.