MTCC

ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ބޭންކުތަކަށް މާރުކުރަން ޖެހޭ ބިލް ފާސްކޮށްފި

MMA

ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ބޭންކުތަކަށް މާރުކުރަން ޖެހޭ ބިލް ފާސްކޮށްފި

SHARE

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު މީގެކުރިން ވިދާޅުވެފައިވަނީ، މި ނިސްބަތް 40 އިންސައްތައަށް ބޮޑުކުރުމަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށާއި، ބޭރު ފައިސާއިން ދޫކުރާ ޓީޓީތަކަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުކުރުމަށް ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބިލަށް ހުށަހެޅުނު އިސްލާޙުތަކަށް ވަކިވަކިން ވޯޓަށް އެހުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ދިރާސާކުރުމަށްފަހު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މީގެކުރިން ގާނޫނުގައި 20 އިންސައްތައިގައި އޮތް މާރުކުރުމުގެ މިންވަރު 40 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ.

\ފާސްކުރެވުނު ބިލުގެ ދަށުން، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމާއި، އެފަދަ ރޭޓުތައް އިޝްތިހާރުކުރުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ހަރުކަށި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

  • އަމިއްލަ ފަރުދުން: ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ފައިސާ ވިއްކުން ނުވަތަ ވިއްކަން އުޅެފިނަމަ 25,000 ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • އިޝްތިހާރުކުރުން: ސޯޝަލް މީޑިއާ ފަދަ ޑިޖިޓަލް ވަސީލަތްތަކުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަން އިޝްތިހާރުކޮށްފިނަމަ 25,000 ރުފިޔާއާއި 500,000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ވިޔަފާރިތަކާއި ކުންފުނިތައް: މިފަދަ އަމަލެއް ހިންގައިފިނަމަ 100,000 (އެއް ލައްކަ) ރުފިޔާއާއި 5,000,000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

މީގެއިތުރުން، މި ގާނޫނުގެ ދަށުން އަޅާ އިދާރީ ފިޔަވަޅުތަކުގެ އިތުރުން ޖިނާއީ ކުށެއްގެ އަމަލެއް ހިމެނޭނަމަ، ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމަށް ހުރަހެއް ނެތް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހަށް ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އަހަރަކު މަދުވެގެން 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން އެމްއެމްއޭގެ ލައިސަންސް އޮންނަ ބޭންކަކަށް ފައިސާ ޖަމާކުރުން ލާޒިމުކޮށް، "ކެޓަގަރީ އޭ" ގެ ރިސޯޓުތަކުން މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ އަދި ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން ހަ އިންސައްތަ މާރުކުރަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެމްއެމްއޭގެ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ގަނެވިއްކުމާއި، އެފަދަ ރޭޓުތައް އިޝްތިހާރުކުރުން މަނާކޮށް، އެފަދަ ކަންކަން ކުރާ އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.