ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށާއި ނާޖާއިޒު މަންފާތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން "ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމަށް މަރުޙަބާ ކިޔައިފި އެވެ..
އޭސީސީން ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ. މި ބިލު ޤާނޫނަކަށް ވުމުން، ކުށްކޮށްގެން ނުޙައްޤުން ހޯދާ މުއްސަނދިކަން ކުށްވެރިންގެ އަތުން އަނބުރާ ދައުލަތަށް ނެގުމަށް ބޭނުންވާ ވަރުގަދަ ޤާނޫނީ ބާރު ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
މީގެއިތުރުން، މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމުގެ މުދަލާއި ވަސީލަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށްވެސް އޭސީސީން ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި އިންސާފު ޤާއިމުކުރުމަށްޓަކައި، ކަމާބެހޭ އެންމެހައި މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި އެ ކޮމިޝަން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އޭސީސީން އެދިވަޑައިގަންނަވަނީ، ފަންނީ ގޮތުން އެންމެ ފުރިހަމަ ގޮތެއްގައި މި ބިލުގެ މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރައްވައި، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށުމަށެވެ.