ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން އަމިއްލަ ބޭނުމަށް އެތެރެކުރާ ދުންފަތުގެ ބައެއް ބާވަތްތަކުން އިތުރު ގުޑްސް ޑިކްލަރޭޝަނެއް ހުށަހަޅަން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.
މި ލުއި ދީފައިވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ބޭނުމަށް އެތެރެކުރާ ތަކެއްޗާއި އަދި ވިޔަފާރި ސާމްޕަލްތަކުން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުންނެވެ. ނަމަވެސް، މި ލުއި ލިބޭނީ އުމުރުން 21 އަހަރު ފުރިފައިވާ މީހުންނަށެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް މި އުސޫލުގެ ދަށުން އެއްވެސް ބާވަތެއް އެތެރެކުރުމުގެ ހުއްދައެއް ނޯންނާނެއެވެ.
އަލަށް ގެނައި ބަދަލާއެކު ޑިކްލަރޭޝަނަކާ ނުލައި ދަތުރުވެރިންނަށް އެތެރެކުރެވޭނީ:
- ހީޓަޑް ޓޮބޭކޯ ހިމެނޭހެން 200 ސިނގިރޭޓް، ނުވަތަ
- 20 ސުއްޓާ، ނުވަތަ
- އެއްވެސް ބަދަލެއް ނުގެނެސް ހިއްކާފައިވާ ދުންފަތް ގަހުގެ ފަތުގެ 100 ގްރާމެވެ.
ސިނގިރޭޓާއި ސުއްޓާ ފިޔަވައި އެހެނިހެން ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނީ ގްރާމުން ކިރުމަށްފަހު އެންމެ ގިނަވެގެން 100 ގްރާމެވެ.
މީގެއިތުރުން، އަމިއްލައަށް އޮޅައިގެން ބޯން ބޭނުންކުރާ ރޯލިންގ ޓޮބޭކޯ އެތެރެކުރާ މީހުންނަށް، އެކަމަށް ބޭނުންވާ ބައެއް ސާމާނު ވެސް ޑިކްލަރޭޝަނަކާ ނުލައި ގެނެވޭނެއެވެ. އޭގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް އެނބުރޭ ކުޑަ މެނުއަލް ޕޯޓަބަލް މެޝިނަކާއި، ނޯޅާ ހުންނަ 50 ސިނގިރޭޓް ކަރުދާސް، 50 ފިލްޓަރު އަދި ސިނގިރޭޓް އަނބުރަން ބޭނުންކުރާ 50 ހުސް ޓިއުބު ނުވަތަ ޕައިޕް ހިމެނެއެވެ.
ނަމަވެސް ފިލްޓަރާއެކު ނުވަތަ ފިލްޓަރު ނެތި ހުންނަ ހުސް ޓިއުބު ބޭނުންކުރާ ހާލަތްތަކުގައި ބައެއް ތަކެތި ދޫނުކުރެވޭނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި އުސޫލުގައި ވާގޮތުން، ޒަމާނީ ދުންފަތުގެ ބާވަތްތައް ކަމަށްވާ އީ-ސިނގިރޭޓާއި، ޝީޝާއާއި، ފްލެވަރޑް ސިނގިރޭޓު އަދި އީ-ލިކުއިޑް ފަދަ ތަކެއްޗަށް އެއްވެސް ކަހަލަ ޑިއުޓީ އިނާޔަތެއް ނުލިބޭނެއެވެ.