MTCC

އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލްއާ ބިން ހަވާލުކޮށްފި

447437_3_efbd953fdfe662ba6c2b582a05ed137820a40834

އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލްއާ ބިން ހަވާލުކޮށްފި

SHARE

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ބިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އިއްޔެ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން މުހައްމަދު ވަޖީހު އިބްރާހިމް (ހުސެއިން ޝަފީގު) އެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަސަދުﷲ މުހައްމަދެވެ. އެމްޕީއެލްއާ މި ބިން ހަވާލުކޮށްފައިވަނީ މެރީނާގެ އޮޕަރޭޝަން ފަށާތާ ތިން އަހަރު ފަހުން ކައުންސިލަށް ކުލި ދައްކަން ފަށާ ގޮތަށެވެ.

ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މަޝްރޫއުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން އެއްފަހަރާ 18 ޔޮޓަށް ހިދުމަތް ދެވޭނެ ޖާގަ ގާއިމުކުރެވޭނެ ކަމަށާއި، މި ތަނުން ކަސްޓަމްސް އަދި އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ކުރިމަގުގައި މި މަޝްރޫއު އިތުރަށް ފުޅާކޮށް، ދުނިޔޭގެ ފެންވަރުގެ މެރީނާއަކަށް ބަދަލުކުރުމަކީ އަމާޒެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަސަދުﷲ ވިދާޅުވީ، މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުން އެތައް ދުވަހަކުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެންދިއުން ކަމަށާއި، މީގެ ސަބަބުން ރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ. އަދި އުލިގަމުގައި ތަރައްގީކުރާ މެރީނާއާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ ބައިނަލްއަގުވާމީ ފެންވަރުގެ ރިކްރިއޭޝަނަލް ހަބަކަށް ކަމަށާއި، ދަތުރުކުރާ ޔޮޓްތަކަށް ރައްކާތެރި ބަނދަރެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މައި މަގުގައި އޮންނަ އުލިގަމަށް އަހަރެއްގެ މައްޗަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޔޮޓު ފަހަރު ޒިޔާރަތްކުރެއެވެ. މި މެރީނާ ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.