MTCC

2030 އަންނައިރު ޑޮލަރުން މުސާރަ ދިނުން ހުއްޓުވުމަކީ އަމާޒެއް: ގަވަރުނަރު

large_thumb_1787555065203

2030 އަންނައިރު ޑޮލަރުން މުސާރަ ދިނުން ހުއްޓުވުމަކީ އަމާޒެއް: ގަވަރުނަރު

SHARE

ރާއްޖޭގައި ކުރާ އެންމެހައި މާލީ މުއާމަލާތްތަކާއި، ވަޒީފާތަކުގައި ދޭ މުސާރަ 2030 ވަނަ އަހަރު އަންނަންވާ އިރަށް ޑޮލަރުން ދިނުން ހުއްޓާލައި އެއްކޮށް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އެތެރޭގައި ހިންގާ ހުރިހާ މުއާމަލާތެއް ދިވެހި ފައިސާއިން ހިންގުމަކީ ޒަމާނުއްސުރެ ހުރިހާ ގަވަރުނަރުންވެސް ދެކެވަޑައިގެންނެވި ތަސައްވުރެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން މާރުކުރަންޖެހޭ ޑޮލަރުގެ ނިސްބަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރުމަށް މިހާރު އޮތް އުސޫލު، 40 އިންސައްތައަށް ބަދަލުކުރުމަށް ނިންމީ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ އަޖުމަ ބެލުމަށް 20 ޕަސަންޓުން ފެށީ. އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ވިޝަންއަކީ 2030އާ ހިސާބަށް 100 ޕަސަންޓު ދިވެހި ރުފިޔާއިން ހުރިހާ އެއްޗެއް މާރުކުރެވިގެންދާންޖެހޭނެ." ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމުގެ ބަދަލުގައި، ހުރިހާ ވަޒީފާއެއްގެ މުސާރަވެސް ދިވެހި ރުފިޔާއިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ގައުމީ ފައިސާގެ އަގު ހިފެހެއްޓުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ގަވަރުނަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އެއް ދުވަހުން ނުވަތަ ކުއްލިއަކަށް ނުކުރެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ޒަމާނެއް ވަންދެން ޑޮލަރުން މުއާމަލާތް ކުރުމުގެ އާދަ އަށަގެންފައިވުމެވެ.

މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މަނިޓަރީ ސިޔާސަތު އެންމެ އެދެވޭ ގޮތުގައި ތަންފީޒު ކުރެވޭނީ ދިވެހި ރުފިޔާގެ އަގާއި ޑިމާންޑް އިތުރުކުރެވިގެންނެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންނުކުރާނަމަ، މަރުކަޒީ ބޭންކެއް އޮތުމުގެ ހަގީގީ ބޭނުމެއް ނެތް ކަމަށާއި، އެމްއެމްއޭގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ދިވެހި ފައިސާގެ ބާރު ވަރުގަދަކުރުން ކަމަށްވެސް ވިދާޅުވިއެވެ.