MTCC

ޕްލާސްޓިކް ކޮތަޅުގެ ފީއަށް ލުއިދޭ އިސްލާޙު ރައީސް ތަސްދީގުކުރައްވައިފި

HQZlhKDaUAAYEZo

ޕްލާސްޓިކް ކޮތަޅުގެ ފީއަށް ލުއިދޭ އިސްލާޙު ރައީސް ތަސްދީގުކުރައްވައިފި

SHARE

ޕްލާސްޓިކް ކޮތަޅުން ނަގަމުން އައި ފީއަށް ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް، ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ މި ހިނގާ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާޙުގެ ދަށުން ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ކޮތަޅު ހިމެނޭ ބޮނޑިތައް ގަންނައިރު، ކޮންމެ ކޮތަޅަކަށް ނަގަމުން އައި 2 ރުފިޔާގެ ފީ ދައްކަން ނުޖެހޭ ގޮތަށް އިސްތިސްނާކުރުމެވެ. މި ބަދަލާއެކު، މީގެ ކުރިން ކޮތަޅު ބޮނޑި ގަންނައިރު ކުރިމަތިވަމުން ދިޔަ ޑަބަލް ޓެކްސްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާތައް ވެސް މި ބިލުގައި ވަނީ ސާފުކޮށް ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޒުކުރާ ވުޒާރާއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމާއެކު، ސިނާއީ މަސައްކަތްތައް ހިނގާ ސަރަޙައްދުތަކާއި ސިޓީތަކުގެ ކުނި މެނޭޖްކުރުމުގެ އުސޫލުތައް ޤައުމީ މާސްޓަރ ޕްލޭނާ އެއްގޮތްކުރުން ވެސް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތަކާއި އިސްލާހުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.

ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އެންމެ ފުރަތަމަ ޢަމަލުކުރަން ފެށީ 2022 ޑިސެމްބަރު 18 ގައެވެ. މި ފަހަރު ގެނެވުނު އިސްލާޙުތަކަކީ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވި ދަތިތައް ޙައްލުކޮށް، ތިމާވެށްޓާއި އާންމު ސިއްއްޙަތު ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.