MTCC

މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް އިސްލާހުކުރަން 7 ދުވަހުގެ މުއްދަތެއް

images (1)

މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް އިސްލާހުކުރަން 7 ދުވަހުގެ މުއްދަތެއް

SHARE

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުގައި ފުށުއެރުމެއް އުޅޭނަމަ، އެކަން އިސްލާހުކުރުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަރުހަލާގައި، އެޕްލިކޭޝަންތަކުގައި ހިމަނާފައިވާ މައުލޫމާތުތަކާއި ސަރުކާރުގެ އެކި އިދާރާތަކުންނާއި ކައުންސިލްތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ މައުލޫމާތުތައް އަޅާކިޔައި ބަލަމުންދާނެއެވެ.

މިގޮތުން ބެލުމުގައި އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެކަން އެޕްލިކަންޓަށް އަންގާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދޭ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމަށްވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު، ފޯމު ފުރުމުގައި ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ވިދާޅުވީ، ދެވިފައިވާ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި މި މައްސަލަތަކަށް ޖަވާބު ހުށަހަޅަންވާނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.