ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އަވަސްކޮށް، މުދާ އެތެރެކުރުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް ސަރަހައްދީ ހަތަރު ގައުމެއްގެ ދެމެދުގައި ހާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މާލޭގައި އިއްޔެ ބޭއްވުނު ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިން ވެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ އިތުރުން ސޮއިކޮށްފައިވަނީ ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ދެކުނު އޭޝިއާގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެޓް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ މުދާ އެތެރެކުރާ ގައުމުގެ ބަނދަރަށް އައުމުގެ ކުރިން، ކަސްޓަމްސްއަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ދުރާލާ ހިއްސާކުރުމެވެ. މިކަމުގެ ސަބަބުން ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވެ، ވިޔަފާރިވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ހާއްސަކޮށް، ބޯޑަރުތަކުން މުދާ ކްލިއާ ކުރުމުގައި ހޭދަވާ ވަގުތު ކުރުވެ، ލޮޖިސްޓިކްސް އަދި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ފާހަގަކުރެއެވެ. އަދި ސަޕްލައި ޗެއިންގެ ރައްކާތެރިކަން އިތުރުވެ، މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ލިބޭނެ ވަގުތު ދުރާލާ ޔަގީންކުރެވިގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ބޯޑަރު ހުރަސްކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެ ރައްކާތެރިކަމާއެކު އަދި ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.