ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ނުހައްގުން ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ހޯދިއްޖެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން މިހާރު ކުރިއަށްދަނީ ލިބިފައިވާ ހެކިތަކާއި ގަރީނާތައް ދިރާސާކުރުމުގެ މަސައްކަތެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ މައުލޫމާތާއި ހެކި ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހުރިހާ މައުލޫމާތެއް ހޯދައި ނިންމާލެވޭނެ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އުފަންވިތާ ގިނައިރުތަކެއް ނުވަނީސް، ދައުލަތުން ދަރިފުޅު ވަކިކުރި ގޮތާމެދު ހިތްހަމަނުޖެހި، އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި ދައުލަތުން އޭނާގެ ދަރިފުޅު ނަގާފައިވަނީ އޭނާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކާ ގުޅުވައި، އަދި މީގެކުރިން އަމިއްލަ ނަފުސަށް ގެއްލުންދޭން އުޅެފައިވާ ކަމަށް ބުނެއެވެ. މީގެއިތުރުން، އޭނާގެ ރުހުމަކާ ނުލައި އެހެން އާއިލާއަކާ ކުއްޖާ ހަވާލުކުރުމުގެ މަސައްކަތް ކަމާބެހޭ މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން، ކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އަޅަނީ ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ ފަރާތުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްދެވެން ނެތް ހާލަތްތަކުގައި އެކަނި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެޗްއާރްސީއެމުން ކުރަމުންދާ ތަހުގީގުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.