އެކި މައްސަލަތަކުގައި ތަހުގީގަށާއި ޝަރީއަތް ނިމެންދެން، އެއްވެސް ޙުކުމެއް ކުރުމެއް ނެތި "ވާނުވާ" ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިކަން މިގޮތަށް ނިންމަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ކޯޓުތައް މެދުވެރިކޮށް ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއިދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ރައީސް މުޢިއްޒު ވަނީ މީގެ ކުރިން އިއުލާންކުރައްވާފައެވެ. މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ހޯދުމަށް އެދޭ ފަރާތްތަކުން، އެކަށީގެންވާ ސަބަބުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު އެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ދަށުން ވާނުވާ ބަންދަށް ލުއިދިނުމަށް ހަމަޖެހިފައިވަނީ، ފައިގައި ޓެގް އެޅުވުމުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ބެލެވޭ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށެވެ. ނަމަވެސް، މުޖުތަމަޢުގެ ސަލާމަތަށް ބޮޑެތި ނުރައްކާ އޮތް މައްސަލަތަކުގައި ހިމެނޭ މީހުންނަށް މި ނިޒާމުގެ ތެރެއިން ލުޔެއް ނުދެވޭނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ހިމެނެއެވެ.
ވާނުވާ ބަންދުގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް، އަދި އިންސާނީ ހައްގުތަކާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ވާއިރު، މި ނިންމުމާއެކު މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.