ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅުއްވާ ބިދޭސީއަކަށް އެއް ސިމް ކާޑަށްވުރެ އިތުރަށް ސިމް ދޫނުކުރެވޭ ގޮތް ހެދުމަށް ވަަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި ކަންކަމުގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު އެހެނިހެން މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމެވުންތަކެއް މިވަނީ ނިންމަވާފައެވެ. މި ނިންމެވުންތައް ނިންމަވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށާއި، ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ރައީސްގެ އޮފީހުން ވިދާޅުވިއެވެ.
މި ޖަލްސާގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ހުށަހެޅި ކަންކަމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން މި ކެމްޕޭން ކުރިއަށްގެންދެވުމަށާއި، މިކަން ވިލަރެސްކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.
މި ކެމްޕޭނުގައި މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފަރާތެއް އެކަށައެޅުމަށާއި، ފުރަތަމަ މަރުޙަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުގެ ދާއިރާގެ ބައިވެރިވުމާއެކު މި މަސައްކަތް ފުޅާކުރުމަށާއި، ޤައުމީ ޓީމުތަކުގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިޢުމާލުނުކުރާ އެތުލީޓުންނަށް ކަމަށް ހެދުމުގެ އަމާޒުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ އެހެނިހެން މުހިންމު ދާއިރާތަކުން ނިންމެވި ކަންކަމުގެ ތެރޭގައި:
- ގުރައިދޫ މަރުކަޒު ތަރައްޤީކުރުން: ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ޚިދުމަތެއް ލިބޭ ފެންވަރު ރަނގަޅު (ސްޓޭޓް އޮފް ދި އާޓް) މަރުކަޒަކަށް ހެދުމަށްޓަކައި އެތަން އަޕްގްރޭޑް ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުން.
- ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރުން: ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ނެތި ބަންދުގައި ބައިތިއްބާ މީހުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތްކުރުން.
- ކޮޕަރ ވަޔަރު ވަގަށް ނެގުން ހުއްޓުވުން: ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި ކޮޕަރ ވަޔަރު ވަގަށް ނަގާ މައްސަލައަށް އަވަސް ޙައްލެއް ހޯދުން.
- ވައިގެ ދަތުރުފަތުރުގެ ފެއަރ ކުޑަކުރުން: އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައި.އޭ.އެސް) އިން ވައިގެ މަގުން ދަތުރުކުރާ ފަތުރުވެރިންގެ އަތުން ނަގާ ފެއަރ މުރާޖަޢާކޮށް، އަގު ކުޑަކުރުން.
މި ނިންމެވުންތަކަކީ ދިވެހި މުޖުތަމަޢުގެ ޞިއްޙީ، އިޖުތިމާޢީ އަދި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.