ހަގީގީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި އިލްމު ގުޅިލާމެހޭ ހިސާބުން ކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ އެއިން މުޖުތަމައަށް ހެޔޮ މަންފާއެއް ލިބިގެންދާ މިންވަރަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން މިއަދު ފެށި 9 ވަނަ ”ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026“ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުރިން އުންމީދުވެސް ނުކުރާ ފަދަ އެތައް ފުރުސަތުތަކެއް ވަނީ ތަނަވަސްވެފައެވެ. އެހެންނަމަވެސް، ކަމެއް އީޖާދުކުރުމަކީ ހަމައެކަނި ނިމުމެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީ މިންކުރަންވާނީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ބަލައިގެން ނޫން ކަމަށާއި، އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯ ބަލައިގެން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ޓެކްނޮލޮޖީގެ ހަގީގީ ބަދަލު ފެންނާނީ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެ ވަސީލަތްތައް އަމާޒުކުރެވިގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، އީޖާދީ މަސައްކަތްތަކަކީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެކަން ފާހަގަކުރައްވައި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަންހެނުންނާއި އަންހެން ކުދިންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އެގޮތުން އީޖާދުކުރުމުގައި ވަކި ޖިންސެއް ނޯންނާނެ ކަމަށާއި، މުސްތަޤުބަލު ބައްޓަންކުރުމުގައި ބައިވެރިވުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށް ބަލަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޒުވާނުންނަކީ މާދަމާގެ މުސްތަޤުބަލު ބިނާކުރާނެ މޭސްތިރިން ކަމަށް ވިދާޅުވަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަމާއި ނާގިދު ފިކުރު އާލާކުރުމަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ. އަދި ދަރިވަރުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އައު ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ވުމަށް އެކަމަނާ ހިތްވަރުދެއްވިއެވެ. ހަމައެއާއެކު، އައު ކަންކަން ތަޖުރިބާކުރުމަށް ދަރިވަރުންނަށް ޔަޤީންކަން ދިނުމަށާއި، ނާކާމިޔާބީތަކުން ފިލާވަޅު ލިބިގަނެ ކުރިއަށް ދިއުމަށް ހިތްވަރުދިނުމަށް މުއައްސަސާތަކަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ދިރާސާކުރައްވާ ބޭފުޅުންގެ ހޯދުންތައް ހަމައެކަނި ޔުނިވަރސިޓީގެ ފާރުތަކުގެ ތެރޭގައި ބަހައްޓަވާ ނުލައްވައި، މުޖުތަމަޢުގެ ޙަޤީޤީ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ބޭނުންކުރުމަށް ބާރުއެޅުއްވިއެވެ. އަދި ދިރާސާތަކުގެ އަގު ވަޒަންކުރެވެނީ އޭގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުން ކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިލްމީ މުއައްސަސާތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢަތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، މި ކޮންފަރެންސްގެ ސަބަބުން ދެމެހެއްޓެނިވި ގުޅުންތަކެއް އުފެދި، މުޅި ރާއްޖޭގައި އީޖާދީ ވިސްނުންތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ”ތެވެލި 2026“ ގެ އެވޯޑުތައް ޙާސިލުކުރި ފަރާތްތަކަށް މެޑަމް ސާޖިދާ ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
”ޓްރާންސްފޮރމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ: ސައެންސް، ޓެކްނޯލޮޖީ އެންޑް ސޮސައިޓީ“ މި ޝިޢާރުގެ ދަށުން ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެމް.އެން.ޔޫގެ އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، ދިރާސާވެރިން އަދި ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.