ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް ދެގުނައަށް ނުވަތަ 100 އިންސައްތައަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކުންފުނިތަކަށް މުވައްޒަފުން އައްޔަނުކުރުމާއި އޮނިގަނޑު ހަރުދަނާކުރުމުގެ (ރައިޓް-ސައިޒިންގ) ސިޔާސަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ އެމްޑީޕީ ސަރުކާރުގައި މުވައްޒަފުން އައްޔަންކުރި އަދަދުތަކުގެ ތަފާސް ހިސާބުތައް ހާމަކޮށްފައެވެ. އެގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) ރެކޯޑުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18,676 މުވައްޒަފުންނެވެ. ނަމަވެސް، 2023 ވަނަ އަހަރު އެ ވެރިކަން ނިމުނުއިރު އެ އަދަދު ވަނީ 36,729 އަށް އުފުލިފައެވެ. އެހެންކަމުން، 2019 އިން 2023 އަށް ހޭދަވި ފަސް އަހަރުގެ ތެރޭގައި 18,053 މުވައްޒަފުން އިތުރުވެފައިވާއިރު، މިއީ ގާތްގަނޑަކަށް 97 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މާލީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ދައުރުގައި ކުންފުނިތަކަށް މާބޮޑަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން، އެ މީހުންނަށް މުސާރަ ދިނުމަށްޓަކައި އެ ވެރިކަން ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި އެކަނިވެސް ދައުލަތުން 634 މިލިއަން ރުފިޔާ ދޫކުރަންޖެހުނެވެ. އަދި މިހާރު ކުންފުނިތަކުގައި ޖުމްލަ 41,667 މުވައްޒަފުން ތިބިއިރު، މިއީ 2023 ގެ ނިޔަލަށް ހުރި އަދަދާ އަޅާބަލާއިރު 4,938 މުވައްޒަފުން ނުވަތަ 13 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ސަރުކާރުން އަލަށް އުފެއްދި 5 ކުންފުންޏެއްގައި މިހާރު ޖުމްލަ 889 މުވައްޒަފުން ތިބި ނަމަވެސް، އޭގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނަގާފައިވަނީ އެންމެ 156 މުވައްޒަފުންކަން ވަޒީރު ހާމަކުރެއްވިއެވެ. ދެން ތިބި 733 މުވައްޒަފުންނަކީ އެސްޓީއޯ އިން ކުރަމުންދިޔަ ސިއްހީ ސާމާނާއި ބޭހުގެ ވިޔަފާރި ވަކި ކުންފުންޏަކަށް ބަދަލުކުރުމުން އެސްޓީއޯ އިން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ބަދަލުކުރެވުނު މުވައްޒަފުންނެވެ. އަލަށް އުފެއްދި ކުންފުނިތަކުގެ ތެރެއިން ސްޓޭޓް ފާމަސޫޓިކަލްގައި 866 މުވައްޒަފުން، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގައި 17 މުވައްޒަފުން އަދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގައި 6 މުވައްޒަފުން ތިބިއިރު، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީގައި އަދި އެއްވެސް މުވައްޒަފަކު ނެތެވެ.
ވަޒީރު ޒަރީރު ވިދާޅުވީ، ސިޔާސީ ފިކުރަކަށް ބަލައިގެން މުވައްޒަފުން ވަކިކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، ސިޔާސީ ސަބަބަކަށްޓަކައި އެއްވެސް މީހަކު ވަކިކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، ކުންފުނިތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަންތަނަށް ހެދުމަށްޓަކައި، ކުންފުނިތައް ރައިޓްސައިޒް ކުރުމަށް އެސްއެމްއީ އިންޕެކްޓް ފަންޑު މެދުވެރިކޮށް ވަޒީފާއިން ވަކިވާ ފަރާތްތަކަށް ލޯނު ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ މަގުސަދު ހާސިލުނުވާތީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލައި އެތަނުގެ 12 މުވައްޒަފުން ކުޅިވަރާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި 10 މުވައްޒަފުން ތިބި އެމްއައިޓީޑީސީ އުވާލުމަށް ލިކުއިޑޭޓަރަކު އައްޔަނުކޮށްފައިވާއިރު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި 28 މޭ 2025 ގައި ވަނީ ސޮއިކޮށްފައެވެ. މި ބަދަލާއެކު ރީޖަނަލް އެއާޕޯޓްސްގެ މުސާރައާއި ހިންގުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ހޭދަކުރާ 10 މިލިއަން ރުފިޔާ ސަލާމަތްވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތުގެ މާލިއްޔާއަށް ބުރަނުވާނެހެން ކުންފުނިތައް ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.