މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް، 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ،
މިކަން ހާމަވެފައި ވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ (އާރުޓީއައި) ދަށުން އަޙްމަދު އައިހަމް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން ސިޓީ ކައުންސިލުން ހޯދި މަޢުލޫމާތުތަކުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި އަހަރަކު މަދުވެގެން ދެ ބައްދަލުވުން ބާއްވަން ޖެހެއެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީ މަހު ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖުލައި މަހުގައެވެ.
ފުރަތަމަބޭއްވި ފުރަތަމަ ބައްދަލުވުމަށް ޖުމްލަ 567،839 ރުފިޔާ ވަނީ ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ބިޑް އުސޫލުން އިވެންޓް މެނޭޖްމަންޓަށް ދިން 360،000 ރުފިޔާއާއި، ވީޑިއޯ ޕްރެޒެންޓޭޝަނަކަށް ހޭދަކުރި 135،000 ރުފިޔާ ހިމެނެއެވެ. އަދި ބެނާ ޕްރިންޓުކުރުމަށް 30،024 ރުފިޔާ، ޓީވީ ލައިވް ކަވަރޭޖަށް 34،607 ރުފިޔާ އަދި ފޮތް ޕްރިންޓު ކުރުމަށް 8،208 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އޭގެ ފަސް މަސް ފަހުން، ބޭއްވި ދެވަނަ ބައްދަލުވުމަށް މުޅި ޖުމްލަ 585،137 ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ބައްދަލުވުމުގެ ޚަރަދުތަކަށް ބަލާއިރު، އިވެންޓް މެނޭޖްމަންޓަށް ހޭދަވި 360،000 ރުފިޔާގެ އިތުރުން، ސިންގަލް ސޯސް އުސޫލުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ތައްޔާރުކުރުމަށް 129،600 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޓީވީ ލައިވް ކުރުމަށް 34،607 ރުފިޔާ، ބެނާ ޕްރިންޓުކުރުމަށް 34،992 ރުފިޔާ، ފޮޓޯ އަދި ވީޑިއޯ ނެގުމަށް 18،000 ރުފިޔާ، ބެނާ ދެމުމަށް 5،700 ރުފިޔާ އަދި ފޮތް ޕްރިންޓުކުރުމަށް 2،235 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިކަމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ފާޑުކިޔަމުންނެވެ.