މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންގެންދާ މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ ޑޭޓާބޭސްއިން މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ ލައިން އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ވަނީ ކަށަވަރުކުރެވިފައެވެ. އަދި މި މައްސަލަ މިހާރު ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ތަހުގީގު ކުރުމަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި ފިޔަވަޅަކީ ކުންފުނީގެ އެންމެހައި ހިއްސާދާރުންނާއި ކަސްޓަމަރުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހުނު ފިޔަވަޅެކެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އެމްޓީސީސީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މީގެއިތުރުން، ދިވެހި ސަރުކާރާއި، ހިއްސާދާރުން، ކަސްޓަމަރުން އަދި ވިޔަފާރީގެ އެންމެހައި ބައިވެރިން އެމްޓީސީސީއަށް ކުރަމުންދާ އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދުގައި ފެށިގެން މިވީ ދުވަސްތަކުގެ ތެރޭގައި ރައްޔިތުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުން ވެސް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ އަމާޒަކީ ކަނޑައެޅިފައިވާ އަގުތަކުގައި، ވީހާވެސް ލުއިފަސޭހަކަމާއެކު އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.