މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަޝާށެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ. ކަމަދޫގައި މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ
ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާންއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ
ގެސްޓްހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތްކުރެ އެވެ. އެ ރަށުގައި ސީ ޕްލޭން ހިދުމަތާ އެކު، ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ކަމަދޫ ކައުންސިލުން ދެކެ އެވެ
މި ރަސްމިއްޔާތުގައި ވަނީ، ކަމަދޫ ސްކޫލުގައި ގާއިމްކުރާ އާ އިމާރާތުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. ކަމަދޫގައި މިއަދު ވަނީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ އޭޓީއެމްގެ ހިދުމަތް ވެސް ފަށައިފައެވެ