MTCC

ހުވަދޫ ކަނޑު އެއްކޮށް ބަލައިފި، ގެއްލުނު 3 މީހުންވެސް ނުފެނުނު

6237

ހުވަދޫ ކަނޑު އެއްކޮށް ބަލައިފި، ގެއްލުނު 3 މީހުންވެސް ނުފެނުނު

SHARE

މިމަހު 5 ވީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4″ ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ޓަކައި، ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި އެވެ.

މި ހާދިސާގައި ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހާލި ވަގުތު، އެ ސަރަޙައްދުގައި ލޭންޑިން ކްރާފްޓަކާއި، ފުލުހުންގެ ލޯންޗެއްގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނިން ފުންމާލި މީހުންނާއި ސަލާމަތްވާން ނުކުތް މީހުން ވަނީ ވަގުތުން ސަލާމަތް ކުރެވިފައެވެ. ނަމަވެސް، ގެއްލުނު 3 މީހުން ހޯދުމަށް ދިވެހި އަސްކަރިއްޔާއިން ވަނީ ވަރުގަދަ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށާފައެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ވަޔާއި އޮއިވަރު ހުރިގޮތަށް ބަލައި، ހުވަދޫ ކަނޑުގެ އިތުރުން ހައްދުންމައްޗާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތަކާއި ގޮނޑުދޮށްތައް ވެސް ވަނީ ފުޅާ ދާއިރާއެއްގައި ބަލާފައެވެ. މި އޮޕަރޭޝަންގައި މޯލްޑިވިއަންގެ އެއަރކްރާފްޓްގެ އިތުރުން، އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުމަތީގެ ހަރަކާތްތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ ސިފައިންގެ ޓީބީ2 ޑްރޯންތައް ބޭނުންކޮށްފައިވެއެވެ. އަދި ކަނޑުމަގުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި، އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި ޒަމާނީ ވަސީލަތްތައް ހިމެނޭ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މީގެއިތުރުން، ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން މި އޮޕަރޭޝަނަށް އެމެރިކާ ސަރުކާރުގެ އެހީތެރިކަން ވެސް ވަނީ ލިބިފައެވެ. އެގޮތުން އެމެރިކާ ނޭވީގެ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އަދި ސަވައިލަންސްއަށް ޚާއްޞަ 'ޕީ8′ މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެން، ހުވަދޫ ކަނޑުގެ 6,300 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ވަނީ ވައިގެމަގުން ބަލާފައެވެ.

މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، 16 އޮގަސްޓް 2026 ގެ 18:00 އާ ހަމައަށް ވައިގެ މަގުން ޖުމްލަ 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު އަދި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.

ދޯނި އަޑިއަށް ގޮސްފައިވާ ހުވަދޫ ކަނޑުގެ ސަރަޙައްދަކީ 1,600 މީޓަރަށް ވުރެ ފުން ސަރަޙައްދެކެވެ. މިއީ ޑައިވިންގ ކޮށްގެން އިންސާނުންނަށް ވާސިލުވެވޭނެ އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ފުންމިނެއް ނޫން ކަމަށްވާތީ އާއި، މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ގެއްލިފައިވާ 3 މީހުން ކަނޑުމަތިން ދިރިތިއްބާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ.