MTCC

ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު އިތުރުވެއްޖެ

މާލީ ވުޒާރާ

ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު އިތުރުވެއްޖެ

SHARE

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އެ އޮތޯރިޓީން ބޭރު ފައިސާ ވިއްކި މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ޖުލައި މަހަކީ އެ އޮތޯރިޓީއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، ބާޒާރަށް ވިއްކި ބޭރު ފައިސާގެ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޯފް-ސީޒަނާ ދިމާވުމުން ލިބުނު އާމްދަނީ ދަށްވުމާއި، ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރާއި ބޭސްފަރުވާ އަދި އުމްރާގެ ދަތުރުތަކަށް ޑޮލަރުގެ ޑިމާންޑް އިންތިހާއަށް އުފުލުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މި ބޭނުންތަކަށް ޑޮލަރު ވިއްކި މިންވަރު ވަނީ 172 އިންސައްތަ އިތުރުވެފައެވެ.

މި ބަދަލުތަކާއެކު ރާއްޖޭގެ ރަސްމީ ރިޒާވަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވް ވަނީ 686.8 މިލިއަން ޑޮލަރުން 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ.

ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެމްއެމްއޭއިން މި މަހުގެ 11 ވަނަ ދުވަހު ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، ބޭންކިންގ ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަކުރުމަށްޓަކައި، މި ހިނގާ ހަފްތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފްތާއަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރަން ވަނީ ނިންމާފައެވެ.

މި އާ ސިޔާސަތުގެ ދަށުން، އާންމުކޮށް ކޮންމެ ހަފްތާއަކު ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރަށްވުރެ 51 އިންސައްތަ އިތުރު އަދަދެއް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޓީޓީ (TT) އަދި އެލްސީ (LC) ހުޅުވުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.