MTCC

ދިވެހިންގެ އަބަދުގެވެސް އަޒުމަކަށް ވާންވާނީ ޤައުމަށް ހެޔޮއެދުން: ރައީސް

HPvl3RabIAAibR5

ދިވެހިންގެ އަބަދުގެވެސް އަޒުމަކަށް ވާންވާނީ ޤައުމަށް ހެޔޮއެދުން: ރައީސް

SHARE

ދިވެހިންގެ އަބަދުގެވެސް ޢަޒުމަކަށް ވާންވާނީ ޤައުމަށް ހެޔޮއެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޤައުމީ ދުވަހުން ލިބިދޭ މުހިންމު ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އިސްލާމްދީނާއި ޤައުމީ ސިޔާދަތު އަދި މިނިވަންކަން ދިފާޢު ކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

"ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއް ކަމަކީ މިއީ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަން، ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމީ ދުވަހުގެ ބަޠަލު އުތީމު މުޙައްމަދު ތަކުރުފާނު (އުތީމު މަހާރަދުން) ޤާއިދެއްގެ ހައިސިއްޔަތުންނާއި ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުން ދެއްވި ފިލާވަޅުތަކަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އެ ރަދުން ދުރާލާ ހަނގުރާމައިގެ އުކުޅުތަކާއި، ބަޑިހެވިކަމާއި ކަނޑިހެވިކަން ފަދަ އެ ޒަމާނުގެ އުކުޅުތައް ވަރަށް މަތީފެންވަރެއްގައި އުނގެނިވަޑައިގެން، ހަތިޔާރު ހޯއްދަވައި، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުން މީހުންނާ ގުޅުން އުފެއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހަނގުރާމަ ފެށްޓެވުމުގެ ކުރިން އުތީމު ބޮޑުތަކުރުފާނު އެމަނިކުފާނުގެ އާއިލާ މަލިކަށް ބަދަލުކުރެއްވީ، ހަނގުރާމަ ފެށޭ ތަނުން ދުޝްމަނުންގެ އުކުޅަކުން އާއިލާގެ ބޭފުޅަކު ރަހީނުކޮށްފި ނަމަ ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ކަމަށެވެ. މި ފަދަ ކަންކަމުން އެނގެނީ އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ދިވެހި ޝަޚްޞިއްޔަތެއްކަމާއި، އެތަކުރުފާނުގެ ޙަޔާތްޕުޅުން ޤައުމީ އެތައް ފިލާވަޅެއް ލިބިދޭކަން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭރުގެ ދިވެހީން ފަދައިން މިހާރުގެ ދިވެހީންވެސް ތިބީ އެ ސާބިތުކަންމަތީގައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރުގެ ދިވެހީން ވެސް މި ތިބީ އެ ގޮތުގާ. އަޅުގަނޑުމެން ދިރުވާނީ ޤައުމީ ރޫޙު. ޤައުމީ ލޯބި. އަބަދުވެސް ޢަޒުމަކަށް ވާނީ ޤައުމަށް ހެޔޮ އެދުން." ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަސް ހަނދާންކޮށްދެނީ، ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މުޅި ރާއްޖޭގެ ވިސްނުމަކީ ޤައުމީ ވިސްނުން ކަމުގައި ހެދުމަށް އިލްތިމާސްކުރައްވާ، އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި، އެއް އަމާޒެއްގައި، އެއް ބައެއްގެ ގޮތުގައި ދެމި ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

އަދި އުތީމު މަހާރަދުންގެ ސީރަތަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ އެއީ ފުންކޮށް ދިރާސާކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.