MTCC

ތިލަފުށީ ބަނދަރާ ގުޅޭގޮތުން ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނާއެކު މަޝްވަރާކޮށްފި

Screenshot 2026-08-15 141742

ތިލަފުށީ ބަނދަރާ ގުޅޭގޮތުން ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނާއެކު މަޝްވަރާކޮށްފި

SHARE

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ އެންމެ މުހިންމު ސްޓޭކްހޯލްޑަރުން ކަމުގައިވާ ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމަކީ ތިލަފުށީ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ ތަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެމް.ޕީ.އެލް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަނދަރު ބަދަލުވުމުން މަސައްކަތްތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކްލިއަރިންގ އޭޖެންޓުންނާއި ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތައް އޮޅުންފިލުވުމެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ތިލަފުށީ ބަނދަރުގައި ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމާ ގުޅޭ ޚިޔާލުތައް ހިއްސާކޮށްފައެވެ. އެމް.ޕީ.އެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މަސައްކަތް ކުރާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް އާ ބަނދަރުގެ އިންތިޒާމުތައް ބައްޓަންކުރުން ކަމަށެވެ.

މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕާޕަސް ބަނދަރެކެވެ.

މި ބަނދަރުގައި ޒަމާނީ ކޮންޓޭނަރ ޓާމިނަލްތަކާއި، ކޮންޓޭނަރ ފްރައިޓް ސްޓޭޝަންތަކުގެ އިތުރުން، އަވަހަށް ހަލާކުވާ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި މިއީ 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ މަރުކަޒަކަށް ވެގެންދާނެއެވެ.

އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ މި މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިންގ އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާވެސް ބައްދަލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީ ބަނދަރުގެ ޚިދުމަތް ރަސްމީކޮށް ހުޅުވައިލުމެވެ.