މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް ހޯދުމަށްފަހު، އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 116.4 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް ސިޓީ ކައުންސިލުން މަޝްވަރާ ކުރަމުންދާ ކަމަށް މީޑިއާގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވެމްކޯއިން ބުނެފައިވަނީ، 2024 ވަނަ އަހަރުގެ މިހާތަނަށް ސިޓީ ކައުންސިލުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 116.4 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުން ފީ ނުދެއްކުމުގެ ސަބަބުން، ކަސްޓަމަރުން ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
ވެމްކޯއިން ބުނި ގޮތުގައި އެ ކުންފުންޏަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ކަސްޓަމަރުން ފައިސާ ދެއްކުން ލަސްވުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ދެއްކުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާތާ ދެ މަސް ދުވަސް ވެއްޖެނަމަ، އުސޫލުގެ ދަށުން ޚިދުމަތް މެދުކަނޑާލުމުގެ އިޚުތިޔާރު ވެމްކޯއަށް ލިބިގެންވެއެވެ. ސިޓީ ކައުންސިލުން ނުދައްކާ ހުރި ފައިސާ ހޯދުމަށް ވޭތުވެދިޔަ ދެ އަހަރު ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ފައިސާ ދެއްކުމަށް ތާވަލެއް އެކުލަވައިލި ނަމަވެސް ކައުންސިލުން އެއާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށްވެސް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނީ، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސިޓީ ކައުންސިލްގެ އިދާރާތައް ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދުމަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.