MTCC

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމީ އިނާމު ދެއްވަނީ

Ed6eMRS1FyNSsNuH57SCOPKWv33ntmvsS0BsJUJA

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމީ އިނާމު ދެއްވަނީ

SHARE

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގައި ގައުމީ އިނާމުތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އުތީމުގައި ބާއްވާ މި ޚާއްސަ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެކި ދާއިރާތަކުން ހޮވުނު ފަރާތްތަކަށް އަރުވާނެއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ނިންމާފައިވަނީ ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް ހަތް ބޭފުޅަކާއި ކުންފުންޏެއް ހޮވިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެއިތުރުން، މި ދުނިޔެ ދޫކުރައްވާފައިވާ އެއް ބޭފުޅެއްގެ ހަނދާނަށް، ހިދުމަތުގެ ގައުމީ އިނާމު އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އިނާމުތަކަށް ބޭފުޅުން ހޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބޭ ފަރާތްތަކަށް ޝަރަފުގެ އައްޑަނައާއި، ބެޖް އަދި ހަނދާނީ ލިޔުމެއް ރައީސް އަރުވާނެއެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބޭ ފަރާތްތަކަށް ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވުމަށް ސަރުކާރުން ނިންމެވީ، އެ ރަށަކީ ގައުމީ ދުވަހުގެ ބަތަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އުފަން ރަށް ކަމަށްވާތީ، އެ ދުވަހުގެ ރޫހު އާލާކުރުމުގެ މަގުސަދުގައެވެ.