MTCC

ދިވެހިންގެ މެހެމާންދާރީއަކީ މުޅި ދުނިޔެއަށް އޮތް ނަމޫނާއެއް: އަމީން

main_20260813_123640

ދިވެހިންގެ މެހެމާންދާރީއަކީ މުޅި ދުނިޔެއަށް އޮތް ނަމޫނާއެއް: އަމީން

SHARE

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ ޤައުމީ މަސައްކަތެއް ކަމަށާއި، ދިވެހިންގެ މެހެމާންދާރީއަކީ މުޅި ދުނިޔެއަށް އޮތް ނަމޫނާއެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހިމް މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި "މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގ" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުންތައް ވަޒަންކުރުމަށާއި، މުސްތަޤުބަލުގެ ސިޔާސަތުތަކާ ގުޅޭގޮތުން ސިނާއަތުގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތީ ކަމަކީ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއްބައި ކަމަށާއި ދިވެހިންގެ އާދަތަކާއި ވައްޓަފާޅިއަކީ ދުނިޔޭގެ އެހެން ގައުމުގައި ނަމޫނާއަކަށް ބަލަމުންދާ ކަމަށެވެ.

"ޤުދުރަތީ ރީތިކަމުގެ އިތުރުން، އަޅުގަނޑުމެންގެ މެހުމާންދާރީ އަދާކުރުމުގެ އާދަތަކާއި ވަށްޓަފާޅިއަކީ، މިއަދު ދުނިޔޭގެ އެހެން ޤައުމުތަކުގައި ނަމޫނާއަކަށް ބަލަމުންގެންދާ ކަންކަން." އަމީން ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި ރަނގަޅު މާހައުލެއް ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އަންނަ އަހަރަކީ "ފަތުރުވެރިކަމުގެ އަހަރު" ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން، އޭގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ފައިދާ ސީދާ ރައްޔިތުންނަށާއި ރަށްރަށަށް ލިބޭނެ މަގު ތަނަވަސްކުރުން ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ "ވިޒިޓާ ސާވޭ" ގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ދިވެހިންގެ މެހެމާންދާރީއަށް އިންތިހާއަށް ތައުރީފުކުރާ ކަމަށެވެ. އެގޮތުން:

    • 90 އިންސައްތައަށް ވުރެ ގިނަ މީހުން އެހެން މީހުންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވެއެވެ.
    • 80 އިންސައްތައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީއާ މެދު އިންތިހާއަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.
    • ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 85 އިންސައްތައަށް ވުރެ ގިނަ މީހުން އަލުން ރާއްޖެ އަންނަން ބޭނުންވެއެވެ.

ވަޒީރު ވިދާޅުވީ ދިވެހިންނަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކަށް ވަރަށް އަވަހަށް ހޭނޭ، އަދި ޒަމާނީ އީޖާދުތައް ބަލައިގަތުމުގެ ޤާބިލްކަން ހުރި ބައެއް ކަމަށެވެ. އަދި ދިވެހިވަންތަ އާދަތަކާއި، އިޖުތިމާއީ ގުޅުމަކީ މިއަދު މުޅި ދުނިޔެ ނަމޫނާއަކަށް ބަލާ ކަންކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.