MTCC

ޒުވާނުން ބާރުވެރިކުރުވުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކު: ރައީސް

large_thumb_1785392468275

ޒުވާނުން ބާރުވެރިކުރުވުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކު: ރައީސް

SHARE

ކޮންމެ ދިވެހި ޒުވާނަކަށް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް ބިނާކޮށްދިނުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، ތަފާތު ސަގާފަތްތަކާއި މާހައުލުތަކުން އަންނަ ޒުވާނުންގެ ތަޖުރިބާތައް ތަފާތުވި ނަމަވެސް، އެންމެންގެ އުންމީދުތައް ގުޅިފައިވަނީ އެއް ކަންތައްތަކަކާ ކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅު ތަޢުލީމާއި، މާނަހުރި ވަޒީފާގެ ފުރުޞަތުތަކާއި، އަބުރުވެރި ދިރިއުޅުމެއް ހޯދުމަކީ ހުރިހާ ޒުވާނުންގެވެސް އުންމީދުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގެ އެންމެ މުހިންމު ބާރަކީ ޒުވާނުން ކަމަށެވެ. އަދި ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާތަކުން ދިވެހި ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކަށް އެމަނިކުފާނު ވަނީ ސާބަސް ދެއްވާފައެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ބައްޓަންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސަރވިސް ޕްރޮގްރާމަކީ ތަޢުލީމީ މަރުޙަލާ ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންނަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ މުހިންމު މަޝްރޫޢުތަކެއް ކަމަށެވެ.

މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ޒުވާނުންނަށް މެސެޖެއް ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ކޮންމެ ރަށަކަށް ނިސްބަތްވި ނަމަވެސް ކޮންމެ ޒުވާނެއްގެ ހުވަފެނަކީ އަގުހުރި އެއްޗެއް ކަމަށާއި، ވަކި ހާލަތަކަށް ނިސްބަތްވީތީ އެ މީހެއްގެ ކުރިއެރުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ހުރިހާ ޒުވާނުންނަށް ހަމަހަމަ ފުރުޞަތުތައް ލިބޭނެ މުޖުތަމަޢެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކޮންމެ އަހަރެއްގެ އޮގަސްޓު 12 ވަނަ ދުވަހު ފާހަގަކުރަނީ ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޤައުމު ބިނާކުރުމުގައި އެ މީހުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައެވެ.