MTCC

އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

6045082923876159437

އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

SHARE

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި ބިނާކުރަމުންދާ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އެ ސްކޫލް ބިނާކުރާ ސަރަހައްދަށް ކުރެއްވި މި ޒިޔާރަތުގައި، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު އާއި މަޝްރޫއުގެ ކޮންޓްރެކްޓަރު، އާރު.ސީ.ސީގެ އިސްވެރިންނެވެ.

އަށް ފަންގިފިލާއަށް އިމާރާތްކުރާ މި ޒަމާނީ ސްކޫލަކީ އަރަބި ބަހުން ތައުލީމު ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ދުވަސްވީ މަރުކަޒަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫއު އާރު.ސީ.ސީއާ ހަވާލުކޮށްފައިވަނީ 12 ނޮވެމްބަރު 2024 ގައެވެ. ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް 31 ޑިސެމްބަރ 2026 ގެ ނިޔަލަށް ނިންމާ، އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އާރު.ސީ.ސީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމެވެ. އަދި ސަރުކާރުގެ ބޮޑު އަމާޒަކީ އަންނަ އާ ދިރާސީ އަހަރުގެ ކިޔަވައިދިނުން މި އާ އިމާރާތުގައި ފެށުމެވެ. މި އިމާރާތުގައި ތަނަވަސް ކްލާސްރޫމްތަކުގެ އިތުރުން، ކިޔަވައިދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

މީގެ ކުރިން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ، އަރަބި އިސްލާމީ ތައުލީމަށް މި ސަރުކާރުން ދެއްވާ ޚާއްސަ އަހަންމިއްޔަތު ހާމަކުރައްވާފައެވެ. މިދިޔަ ޖޫން މަހު ދ. މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުތަކުން އަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިން "ރެފިއުޖީން" ގެ ހާލަތަށް ވައްޓާލި ނަމަވެސް، މި ސަރުކާރުން އެކަން ބަދަލުކޮށް، އަރަބި އިސްލާމީ ތައުލީމު ކުރިއަރުވާނެ ކަމަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒު އަމަލީ ގޮތުން ގާތުން ބައްލަވަމުން ގެންދަވާ، އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އިސްކަންދެއްވާ މުހިންމު މަޝްރޫއެކެވެ. އާ އިމާރާތާއެކު އަރަބިއްޔާ ސްކޫލް ވެގެންދާނީ ދާއިމީ ބޮޑު ބިމެއްގައި، ޖާގައިގެ ތަނަވަސްކަމާއެކު އަރަބި ބަހުން ތައުލީމުދޭ އެންމެ ވަރުގަދަ މަރުކަޒަށެވެ.

ޢަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން މިހާރު ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. 2010 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަންނަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އޭރުގެ ސަރުކާރުން ބެލެނިވެރިންގެ ޝަކުވާތަކަށް އިހުމާލުވެފައިވާއިރު، ފަހުން ބިނާކުރި އާ އިމާރާތްވެސް މަދު އަހަރުތަކެއްގެ ތެރޭގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމުން، ދަރިވަރުން މިހާރުވެސް ކިޔަވަމުންދަނީ ވަގުތީ އިމާރާތެއްގައެވެ. މި ސަރުކާރުގެ އަމާޒަކީ ޒަމާނީ ފެންވަރުގެ އާ އިމާރާތެއް އަވަހަށް ނިންމައި، ދަރިވަރުންނަށް ރައްކާތެރި އުނގަންނައިދިނުމުގެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.