މިއަދުގެ ވާދަވެރި ވަޒީފާގެ މާހައުލުގައި ކާމިޔާބީ ހާސިލުކުރުމަށްޓަކައި އެންމެ ކޮންމެހެން ބޭނުންވާ ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް އިފުތިތާހުކުރުމަށްޓަކައި މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކައިގައި، ވާހަކަދެއްކުމުގެ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް ލިބޭ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ވަޒީރު ވިދާޅުވީ، މުބާރާތުގައި ރަނގަޅު ތަޤުރީރެއް ހުށަހެޅުމަށްޓަކައި ދަރިވަރުން ގިނަ މަޢުލޫމާތުތަކެއް ހޯދައި އެއްކުރަންޖެހޭ ކަމަށާއި، މީގެ ސަބަބުން އެ ކުދިންގެ މަޢުލޫމާތުގެ ޚަޒާނާ އިތުރަށް މުއްސަނދިވެގެންދާ ކަމަށެވެ.
"އެއްކުރާ މަޢުލޫމާތުތައް ތަރުތީބުކޮށް، ވަކި އުސޫލަކުން އަތުރާލަން ޖެހުމުގެ ސަބަބުން ކުދިންގެ ފާޑުކިޔުމުގެ ފިކުރު ތަރައްޤީވެ، ކަންކަމުގައި ވިސްނުންތޫނުކަމާއެކު ހައްލު ހޯދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީފާގެ ބާޒާރާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަޒީރު ވިދާޅުވީ، މުއާމަލާތުކުރުމުގެ ހުނަރު އަށަގަނެފައިވާ ކުދިންނަށް މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންވި ނަމަވެސް އެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ. އަދި ބޮޑެތި ކާމިޔާބީތައް ހާސިލުކުރުމުގައި މި ހުނަރަކީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތާރީހަށް ބަލާއިރު އެންމެ ނުފޫޒުގަދަ ލީޑަރުންނަކީ ވެސް އަސަރުގަދަ ކުޅަދާނަ ވާހަކަދެއްކުންތެރިންކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. އެގޮތުން ދިވެހި ތާރީޚުގައި ނަންވިދާލި ކުޅަދާނަ އަދީބުން ކަމުގައިވާ މުޙައްމަދު އަމީންދީދީއާއި، މުޙައްމަދު ޖަމީލްދީދީގެ އިތުރުން އިބްރާހިމް ޝިޙާބު ފަދަ ބޭފުޅުންނަށް ތައުރީފުކުރައްވައި، އެ ބޭފުޅުންނަކީ މިއަދުގެ ދަރިވަރުން ނަމޫނާއަކަށް ބަލަންޖެހޭ ފަރާތްތަކެއް ކަމުގައި ވިދާޅުވިއެވެ.
މިއަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އޮގަސްޓު 11 އިން 30 ގެ ނިޔަލަށް ކުރިއަށްދާއިރު، މިއަހަރުގެ މުބާރާތުގައި ޖުމްލަ 325 ދަރިވަރުން ބައިވެރިވެފައިވެއެވެ.