MTCC

މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު: މެޑަމް ސާޖިދާ

446922_3_d867c7124385bcd8fbde9c6833d569174ca5a15c

މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު: މެޑަމް ސާޖިދާ

SHARE

މަސައްކަތުގެ މާހައުލަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ ތަނަކަށް ހެދުމަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ސެމިނަރ "ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" އިފްތިތާޙުކޮށްދެއްވުމަށް މިއަދު ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސެމިނަރއަކީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، އޮފީސް މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ނުތަނަވަސްކަމާއި، ރައްކާތެރިކަން ނެތުމަކީ މުވައްޒަފުންގެ ނަފްސާނީ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ފޯރާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މުވައްޒަފަކީވެސް އަމިއްލަ ދިރިއުޅުމުގެ އެތައް ފިކުރުތަކަކާއެކު މަސައްކަތަށް ނުކުންނަ މީހަކަށްވާއިރު، އޮފީހުގެ މާހައުލަކީ އެންމެން ބައިވެރިކޮށްގެން ކަންކަން ނިންމާ، ހުރިހާ ފަންތިއެއްގެ ވެރިންނާއި މުވައްޒަފުން ގުޅިގެން މަސައްކަތްކުރާ ތަނަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

"މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކުރުންތަކާއި، ނުތަނަވަސްކަމާއި، ރައްކާތެރިކަން ނެތުންފަދަ ކަންކަމީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަންތައް. މީގެއިތުރުން މި ދާއިރާއަކީ އިޖުތިމާޢީ އިލްމުގައި ވަރަށް ގިނަ ޢިލްމީ ދިރާސާތައް ކުރެވެމުންދާ ދާއިރާއެއް." މެޑަމް ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، 202 އަދި 2021 ވަނަ އަހަރު ކުރެވުނު ސަރވޭއަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ 5 މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް ކަމަށެވެ. އެހެންކަމުން، މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ނަފްސާނީ ހާލަތަށް ފަރުވާތެރިވުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ދިރާސާތަކުން ދައްކާގޮތުގައި، ނަފްސާނީ ގޮތުން ދުޅަހެޔޮ މުވައްޒަފުން މަސައްކަތްކުރާ މުއައްސަސާތަކުގައި ސަލާމް ބުނުމާއި ގަޑިޖެހުން ފަދަ ކަންކަން މަދުވޭ. އަދި މަސައްކަތުގެ ރޫޙު އިތުރުވެ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދޭ ސަމާލުކަން އިތުރުވެގެންދޭ،" މެޑަމް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސެމިނަރގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ ހިއުމަން ރިސޯސް ދާއިރާގެ އިސްވެރިންނާއި، ސިޓީ ކައުންސިލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސް ބޭފުޅުން ހިމެނޭހެން ޖުމްލަ 60 ފަރާތަކުން ބައިވެރިވެއެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މިފަދަ ފުޅާ ދާއިރާއެއްގައި ބާއްވާ ފުރަތަމަ ސެމިނަރއެވެ.