MTCC

މަހަށް ނުނިކުމެވޭ ވަރަށް ދަތިވާނަމަ ތެލުގެ ލިމިޓް ބޮޑު ކުރާނަން: ޝިޔާމް

b_202608121201551786518115.8733

މަހަށް ނުނިކުމެވޭ ވަރަށް ދަތިވާނަމަ ތެލުގެ ލިމިޓް ބޮޑު ކުރާނަން: ޝިޔާމް

SHARE

މަސްވެރިންނަށް ދޫކުރާ ތެލުގެ ލިމިޓްގެ ސަބަބުން މަސްކަނޑުތަކަށް ނުނިކުމެވޭ ފަދަ ދަތިތަކެއް ކުރިމަތިވާނަމަ، މަސްވެރިން އެދޭ ގޮތަށް އެ ލިމިޓް ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން، މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކީ ކޮންމެފަދަ ހާލަތެއްގައިވެސް މަސްވެރިންނަށް އަތްފޯރާ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ދިގުމިނަށް ބަލައި ލިމިޓްތަކެއް ކަނޑައަޅާފައިވަނީ މަސްވެރިންނާވެސް މަޝްވަރާކުރުމަށްފަހު، މި ދަނޑިވަޅުގެ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އިންޖީނުގެ ކެޕޭސިޓީއަށް ނުބަލައި ހަމައެކަނި ދިގުމިނަށް ބަލާތީ ބައެއް މަސްވެރިންގެ ޝަކުވާ ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، މިހާރުވެސް ބައެއް އުޅަނދުތަކަށް ލިމިޓް އިތުރުކޮށްދީފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަނީ އުނދަގޫތަކެއް ހުއްޓަސް މަސްވެރިންނަށް މަހަށް ނުކުމެވޭނެ އިންތިޒާމު ތެލުގެ ތެރެއިން ހަމަޖައްސައިދޭން. މަސްވެރިންނަށް އެ ދަތިވާނަމަ، އަޅުގަނޑުމެން އެ ލިމިޓްތައް ބޮޑުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ އެއް ގައުމަކީ އިނގިރޭސިވިލާތް ކަމަށެވެ. އަދި މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށްނުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ، އަމިއްލަ ކުންފުނިތަކުން މިހާރުވެސް 21 އާއި 22 ރުފިޔާއާ ދެމެދުގެ އަގެއް މަސްވެރިންނަށް ދެމުންދާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސަރުކާރުން ހަވާލުވިއިރު މިފްކޯގެ ކެޕޭސިޓީއަކީ ދުވާލަކު 50 ޓަނު މަސް ބަންދުކުރުން ކަމަށް ވިޔަސް، މިހާރު އެ އަދަދު ދުވާލަކު 300 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.