MTCC

އިގްތިސާދަށް އެންމެ ބޮޑު ގޮންޖެހުމެއް އަންނަނީ މިދުވަސްވަރު: އެސްޓީއޯގެ އެމްޑީ

images

އިގްތިސާދަށް އެންމެ ބޮޑު ގޮންޖެހުމެއް އަންނަނީ މިދުވަސްވަރު: އެސްޓީއޯގެ އެމްޑީ

SHARE

ދުނިޔެއަށް ކުރިމަތިވި ބޮޑެތި މާލީ އަދި އިގްތިސާދީ ހަތަރު ކްރައިސިސްއެއްގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދަނީ މިހާރު ހިނގަމުންދާ ދުނިޔޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ރޭ ބޭއްވި "އިގްތިސާދުގެ ދެފަރާތް" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، 2008 ވަނަ އަހަރުގެ މާލީ ތަދާއި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރުން ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި ވެސް އޭނާ ދައުލަތުގެ މުހިންމު މަގާމުތަކުގައި މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދަށް ކުރާ އަސަރު އެހެން ހުރިހާ ވަގުތަކަށް ވުރެ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިމާދު ވިދާޅުވި ގޮތުގައި، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރާއްޖޭގެ ހާލަތު ގޯސްވިޔަނުދީ ހިފެހެއްޓުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުރާލާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން ރައީސް އުފެއްދެވި ކްރައިސިސް ކޮމެޓީގެ ބެލުމުގެ ދަށުން، ތެލާއި ކާބޯތަކެތީގެ ރިޒާވް ހުސްވިޔަނުދީ ބެލެހެއްޓުމަށް ކުރި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

"އަވަށްޓެރި ބައެއް ގައުމުތަކުގައި މީހުން ކިއޫގައި ޖެހިގެން ރޭޝަންކޮށްގެން ތެލާއި ގޭސް ހޯދަން ޖެހުނު އިރު، އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ތެޔޮ ހުސްވެގެން ފްލައިޓްތައް ހުއްޓާލަން ޖެހުނު އިރު ވެސް، ރާއްޖޭގައި މިފަދަ އެއްވެސް ދަތިކަމެއް ކުރިމަތިނުވެ މުދާ ލިބޭނެ އިންތިޒާމު އޮތީ ހަމަޖެހިފައި،" ޝިމާދު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން ގުނައަށް އުފުލި، އިންޝުއަރެންސް އަދި ޝިޕިން ކޯސްޓް ބޮޑުވެގެން ދިޔަ ނަމަވެސް، އެސްޓީއޯގެ އަމިއްލަ ދެ ބޯޓެއްގައި ތެޔޮ އުފުލަން ފެށުމަކީ ހަރަދު ކުޑަކުރުމަށް ލިބުނު ބޮޑު ބާރެއް ކަމަށް ޝިމާދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރިން 600,000 ޑޮލަރަށް ޗާޓާ ކުރި ބޯޓެއްގެ އަގު މިހާރު ވަނީ 950,000 ޑޮލަރަށް އުފުލިފައެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަސާސީ ބާވަތްތަކުގެ ތެރެއަށް އިތުރު 23 ބާވަތެއް ހިމަނައި، އޭގެ އަގު ހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މަސައްކަތަކީ މިދިޔަ ރަމަޟާން މަހާ ދިމާކޮށް އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި ޝިމާދު ސިފަކުރެއްވިއެވެ.