MTCC

ފާއިތުވީ ހަތް މަހު 144 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް: ފުލުހުން

769469217_27444960555205610_3078102374163965425_n

ފާއިތުވީ ހަތް މަހު 144 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް: ފުލުހުން

SHARE

މި އަހަރުގެ ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުން ކުރި މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، 144 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިން ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި އޮޕަރޭޝަންތަކާ ގުޅޭގޮތުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު މުސްލިމް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުއްދަތުގައި މުޅި ރާއްޖެއިން 1,875 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8 މީހުންނެވެ. އޮޕަރޭޝަންތަކާއި ބަލާފާސްކުރުން:ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ވަނީ 1,140 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި 530 އޮޕަރޭޝަން، އުތުރުގެ އަތޮޅުތަކުގައި 329 އޮޕަރޭޝަން އަދި ދެކުނުގެ އަތޮޅުތަކުގައި 281 އޮޕަރޭޝަނެވެ.

މީގެ އިތުރުން މަގުމަތިންނާއި އެކި ތަންތަނުން 23,249 މީހަކު ބަލާފާސްކުރެވުނުއިރު،  މަސްތުވާތަކެތީގެ މުއާމަލާތްކުރާ ކަމަށް ބެލެވޭ 7,300 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވުނެވެ.

ފުލުހުން ހާމަކުރި ގޮތުގައި އަތުލައިގަތް 144 ކިލޯގެ މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނަ އަދަދެއް އަތުލައިގަނެފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ 137.8 ކިލޯއެވެ. މީގެ އިތުރުން މުޅި ރާއްޖެއިން 1,856 ފުޅި ބަނގުރާވެސް އަތުލައިގަތެވެ.

ފާއިތުވި ހަތް މަސްދުވަހު މަސްތުވާތަކެތީގެ ޖުމުލަ 1,533 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވިގޮތުގައި މާލެ ސަރަހައްދުން ތަހުގީގު ކުރި 560 މައްސަލައިގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށްޓަކައި މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ފުލުހުންގެ މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.