MTCC

ފާމަސީ ދާއިރާއިން ޒުވާނުން ތަމްރީނުކުރަން ސްޓޭޓް ފާމާއިން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި

original_1786357435308

ފާމަސީ ދާއިރާއިން ޒުވާނުން ތަމްރީނުކުރަން ސްޓޭޓް ފާމާއިން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި

SHARE

ރާއްޖޭގެ ފާމަސީ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމާ ގުޅޭގޮތުން ސްޓޭޓް ފާމާ މެނޭޖްމަންޓުން ވިލާ ކޮލެޖާ އެކު މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފާމަސިސްޓުން ތަމްރީނުކުރުމާއި، ފާމަސީ ދާއިރާއަށް ޝައުހުވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމެވެ. މިގޮތުން، ފާމަސީ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.

މީގެ އިތުރުން، މިހާރުވެސް މި ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ހުނަރުތައް ތަރައްޤީކޮށް، އެންމެ ފަހުގެ މަޢުލޫމާތާއި އިލްމު އާކުރުމަށްޓަކައި 'ރިފްރެޝާ' ކޯސްތައް ހިންގުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. މިފަދަ ކޯސްތައް ކުރިއަށް ގެންދިއުމުގައި ވިލާ ކޮލެޖުގެ ތަޢުލީމީ ވަޞީލަތްތަކުގެ ބޭނުން ހިފޭނެ ގޮތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

ސްޓޭޓް ފާމާ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ދިވެހި ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. އަދި ދިވެހި ޒުވާނުންނަށްޓަކައި އެ ކުންފުނީގެ ދޮރުތައް އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމުގެ ޔަޤީންކަން ސްޓޭޓް ފާމާއިން ވަނީ ދީފައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސްޓޭޓް ފާމާއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި 'އެސްޓްރަޒެނިކާ' އާއެކު ވެސް ވަނީ ދާދިފަހުން މަޝްވަރާތައް ބާއްވާފައެވެ.

މިއަދު ވިލާ ކޮލެޖާއެކު ބޭއްވި މި ބައްދަލުވުމަކީ ފާމަސީ ދާއިރާއިން ދިވެހި ޒުވާނުންނަށް ހުރި ފުރުޞަތުތައް އިތުރުކޮށް، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ފެށުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ދެ ފަރާތުންވެސް ސިފަކުރެއެވެ.