MTCC

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

468635_b6206907-a_

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

SHARE

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، ސާކް ކުރިއެރުވުމަށް ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ވަގުތީ ގޮތުން މަގާމުން ވަކިވެވަޑައިގަންނަވާ ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ތަޢުރީފު ކުރައްވަމުން، ރައީސް މުއިއްޒު ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ސާކް ވަރުގަދަކުރުމަކީ ދިވެހި ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވައި، މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ރައީސް މުޢިއްޒު ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް އެމް.ޑީ. ގޯލަމް ސަރުވަރު ވަނީ ދިވެހިރާއްޖޭގެ ފަރާތުން ޖަމްޢިއްޔާއަށް ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއްކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ސަނާ ވިދާޅުވިއެވެ.

ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުންނާއި، ސަރަޙައްދީ ގުޅުން ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ހަމައެއާއެކު ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްޢިއްޔާ އުފެއްދުމުގައި އިސްދައުރެއް އަދާކުރި ޤައުމެކެވެ.