MTCC

ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް "މައި ކެރިއާ ޕޯޓަލް" އިފްތިތާޙުކޮށްފި

WhatsApp Image 2026-08-10 at 10.43.42-1786344226272

ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް "މައި ކެރިއާ ޕޯޓަލް" އިފްތިތާޙުކޮށްފި

SHARE

ރާއްޖޭގެ ވަޒީފާގެ ބާޒާރު އައު ހިސާބަކަށް ގެންގޮސް، މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަޤްސަދުގައި ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން ތަރައްޤީކުރި "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" މަޝްރޫޢުގެ ދަށުން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

ހޯމްލޭންޑް މިނިސްޓްރީން ވިދާޅުވިގޮތުގައި މި ޕޯޓަލްގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

"މައި ކެރިއަރ ޕޯޓަލް" ގައި ހިމެނޭ ބައެއް މުހިންމު ވަސީލަތްތަކުގެ ތެރޭގައި:

  • ކެރިއަރ ގައިޑަންސް: ތަމްރީނުލިބިފައިވާ ކައުންސިލަރުންގެ އިރުޝާދު ހޯދުމާއި، މަސައްކަތުގެ ދާއިރާއިން ކުރިއަށްދާނެ 'އެކްޝަން ޕްލޭން' ތައް މޮނިޓަރ ކުރެވޭނެ އިންތިޒާމު.
  • ކެރިއަރ ޕާތުވޭ ޑިޒައިނަރ: މާހިރުންގެ އެހީތެރިކަމާއެކު މުސްތަޤުބަލުގެ ލަނޑުދަނޑިތަކަށް ވާސިލުވާނެ މަގުޗާޓެއް ކުރަހައިދިނުން.
  • މައިލްސްޓޯން ޓްރެކަރ: ތައުލީމާއި ތަޖުރިބާގެ ކާމިޔާބީތައް އެއް ތަނަކުން ފެންނަން ހުރުމާއެކު، އިތުރަށް ތަރައްޤީކުރަންޖެހޭ ހުނަރުތައް ދެނެގަތުމަށް ފަސޭހަވުން.
  • ވަޒީފާއާ ގުޅުވައިދިނުން: މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދީ، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ އަވަސްކޮށްދިނުން.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0″ ތަސައްވުރުގެ ދަށުން، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ބިނާކޮށް، ހުނަރުވެރި ޒުވާން ޖީލެއް އުފެއްދެވުމަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު މަސައްކަތެކެވެ.

މިހާރުން ފެށިގެން ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް www.mycareer.gov.mv މެދުވެރިކޮށް މި ޕޯޓަލްގެ ބޭނުން ހިފޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެން.ސީ.އެސްގެ ހެލްޕްލައިން 1475 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.