ޅ. ނައިފަރުގައި ހުނަރުވެރިކަން އިތުރުކުރުމަށާއި، އެ ރަށުގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ފަންނީ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ދެއްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ ނައިފަރުގައި ބޭއްވި "ނައިބޮލި މަދަހަ މުބާރާތް" ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ދިވެހިންގެ ހުނަރުތައް ތަރައްގީކޮށް، ގައުމީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ހިންގާ ތަފާތު ހަރަކާތްތަކުގައި ދިވެހި ބަހާއި، ފަންނާއި، ސަގާފަތަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަކީ މުޖުތަމައުގެ ދިރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"މިފަދަ ކޮންމެ ކަމެއްގައި ކައުންސިލުން އިސްކަންދެއްވާ ދާއިރާތަކުގެ ތެރޭގައި އަޅުގަނޑުމެން ދިވެހި ބަހާއި ގުޅުންހުރި ދާއިރާތަކާއި އަޅުގަނޑުމެންގެ ފަންނާއި ގުޅުން ހުރި ދާއިރާތަކާ ހަމައެހެންމެ އަޅުގަނޑުމެންގެ ސަގާފަތާއި ގުޅުންހުރި ދާއިރާތަކަށް އިސްކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ޖުމްލަ 382 ބައިވެރިންގެ ހުނަރުވެރި ހުށަހެޅުން ފެނިގެން ދިޔަ މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަނީ މިފަދަ ކާމިޔާބު މުބާރާތެއްގެ އިނާމުދިނުމުގެ ހަފްލާއަށް ވަޑައިގެންެނެވުމަށް ދައުވަތު ލިބިވަޑައިގެންނެވިކަމާ މެދު އުފާފުޅުކުރައްވައި, އެކަމަށް ޓަކައި ނައިފަރުކައުންސިލަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ދިވެހި އަދަބިއްޔާތަށް މުއްސަނދި ޚިދުމަތްތަކެއް ކުރައްވާފައިވާ ނައިފަރު ހުތް ޢަލީދީދީއާއި ފަޟީޟަތުއްޝެއިޚް މަރްޙޫމް ޢަބްދުﷲ ޖަލާލުއްދީން ފަދަ ބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރައްވާ ވަޒީރު ވިދާޅުވީ, އަދަބީ މި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަކީ އަދުގެ ޖީލުގެ ޒިންމާއެއް ކަމަށެވެ.
"އަންނަން އޮތް ޖީލުތަކަށް މިތަރިކަ ރައްކާތެރިކަމާއެކު ގެންގޮސްދީ، އަޅުގަނޑުމެންގެ ބަސް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ ޤައުމިއްޔަތު ކުރިއަރުވާ އަލާކޮށް ދިރުވުމަކީީ އަޅުގަނޑުމެން ހުރިހާ އެންމެންނާވެސް ގުޅި ލާމެހިފައިވާ ވަރަށް މުހިންމު ޒިންމާއެއް." ހީނާ ވިދާޅުވިއެވެ.
ނައިފަރުގެ ތާރީޚީ އަދި އަދަބީ މުއްސަނދިކަމަށް އަލިއަޅުވާލައްވަމުން ހީނާ ވިދާޅުވީ، ނައިފަރަކީ އިސްލާމީ އަގުތަކާއި ދިވެހި އަދަބިއްޔާތަށް ލޯބިކުރާ އެތައް ޚިދުމަތްތެރިންނެއް އުފެއްދި ރަށެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ދިވެހި ޅެންވެރިކަމުގެ ބިންގާ އެޅުއްވި އައްޝައިޚް އަލްމަރްޙޫމް ހުތް އަލިދީދީ އާއި، ޅެންވެރިކަމުގެ އުދަރެހުން ފެނުނު އަލިގަދަ ތަރި ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީން ފަދަ ޝަޚުޞިއްޔަތުތައް ނިސްބަތްވަނީ ނައިފަރަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހި ގައުމިއްޔަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ފަރުދީ ޒިންމާއެއްކަން ފާހަގަކުރައްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނައިފަރުގެ ފަރާތުން ފަންނީ އަދި އަދަބީ ދާއިރާތަކުން އިތުރު ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.