އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގައި އިންޓަނޭޝަނަލް ފެންވަރުގައި މިހާރު ކުރަމުންގެންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދަނީ އެއަށްވުރެ ވެސް ހަލުވިކޮށް ކަމަށާއި އެ ސްޕީޑުގައި ގެންގޮސް ވަރަށް އަވަހަށް އެއާޕޯޓުގެ މަސައްކަތް ނިންމައިލެވޭނެކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި ހުޅުވުން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވާއިރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވެސް ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭގޮތަށް، ހަނިމާދޫ އެއާޕޯޓުގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކައުންޓަރެއް ބަހައްޓައި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަނެވޭނެ ނިޒާމު ގާއިމުކޮށްދެއްވާނެ ކަމަށެވެ.