މި ސަރުކާރުން ޝަރުއީ ނިޒާމަށް ބާރު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ސިޔާސީ ވާދަވެރިންނަށް ފުރުސަތު ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.
"ވެރިކަމަށް ކުރިމަތިލާން އައި އިރު ވެރިކަމަށް ނިކުމެދާނެއޭ ހީވާ ހުރިހާ އެންމެން ޖަލުގަ. މީ ނޫންތޯ ހަގީގަތަކީ،" ރައީސް ޔާމީންގެ ވެރިކަމުގެ ހާލަތަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެންނަވާނެ ކަމުގެ ވައުދާއެކު ކަމަށާއި، މިއަދު ގައުމުން ފެންނަނީ އެ އަމާންކަން ކަމަށެވެ. އަދި މި ސަރުކާރުން ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފައި މިއަދާ ހަމައަށް އަޅުގަނޑަށް ދައްކަވާ ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ހުރި އެއްވެސް މީހެއް. ނުހުންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކިޔަމުންދާ އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު ފެންނަނީ ގައުމު ބަނގުރޫޓުވިޔަނުދީ، ފައިސާ ޗާޕުނުކޮށް ގައުމު އަމާން ބަނދަރަކަށް ގެންދާ މަންޒަރު ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތަކެތީގެ އަގުބޮޑުވެގެން މަގުމަތީގައި ކުރި މުޒާހަރާތަކުގެ ހަނދާން އާކުރައްވަމުން އޭނާ ވިދާޅުވީ، މިއަދު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ތަކެތީގެ އަގުބޮޑުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ގައުމުގެ ހަރުމުދާ ވިއްކާލައި، އިސްލާމީ އަސާސްތަކާ ހިލާފު ވާހަކަތައް ދައްކާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ ހަމަޖެހުން ނަގާލުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ރައީސް މުއިއްޒުގެ ސިޔާސަތުތަކާއެކު ރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށްދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.