MTCC

އަގުތައް އުފުލުނީ އެމްޑީޕީން ފައިސާ ޗާޕުކުރުމުން، ފާޑުކިޔުމުގެ ޖާގައެއް ނެތް: ޝިޔާމް

Untitled-design-4-768x512

އަގުތައް އުފުލުނީ އެމްޑީޕީން ފައިސާ ޗާޕުކުރުމުން، ފާޑުކިޔުމުގެ ޖާގައެއް ނެތް: ޝިޔާމް

SHARE

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން މެދުވެރިވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެއްވެސް ބެލުމެއްނެތި ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އއ. އުކުޅަހުގައި ބޭއްވި ޖަގަހަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު ތަކެތީގެ އަގުބޮޑުވުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާއިރު، މިއަދު އިޤްތިސާދަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުގެ އަސްލަކީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. ވަކިން ހާއްސަކޮށް، އޭރުގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއް އަހަރުވީމާ އަނެއްކާ ސަރުކާރުން ފޮނުވި އިރު، އެއްވެސް ރިޕޯޓެއް ބެލުމެއްނެތި، ހަރަދުކުރީ ކޮން ކަމަކަށްތޯ ބެލުމެއް ނެތި އަނެއްކާވެސް އެތައް ބިލިއަން ރުފިޔާއެއް ޗާޕުކުރަން ހުއްދަދެއްވީ ކޮން ބޭފުޅެއްތޯ، އެއްކަލަ ރައީސް ނަޝީދު. ތާހިރެއް ނޫންތޯ މިއަދު މި ވާހަކަތައް ދައްކަން،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެމްޑީޕީގެ ހިންގުންތެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން މާލޭގެ ކުނީގެ މައްސަލަ ފަދަ އަސާސީ ކަންކަން ހައްލުކުރުމުގައި އެމްޑީޕީ ނުކުޅެދިފައިވާ ކަމަށް ވިދާޅުވިއެވެ. މާލޭގެ ކުނިގޮނޑުތައް ފުރި، ކުނި މެނޭޖްނުކުރެވި އޮތް ދުވަސްވަރުގެ ހަނދާންތައް އައުކުރައްވަމުން ޝިޔާމް ވިދާޅުވީ، އެފަދަ ކަންކަން އިސްލާހު ނުކުރެވުނު ބަޔަކަށް މިއަދުގެ ސަރުކާރުގެ މަސައްކަތްތަކަށް ފާޑުކިޔުމުގެ އުސޫލީ ހަމައެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަރައްޤީގެ ތަޞައްވުރަށް ފުރިހަމައަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން ޝިޔާމް އެދިވަޑައިގަތެވެ. މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިޔާސީ ހަމަޖެހުން ގާއިމުކުރުމާއެކު، ބޯހިޔާވަހިކަމާއި، އެއާޕޯޓް ތަރައްގީކުރުމާއި، އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ އިސް ބޭފުޅުންނާއި އުކުޅަހުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.